އައިއޭއީއޭގެ އިންސްޕެކްޓަރުން އީރާނުން ފައިބައިފި

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ އިންސްޕެކްޓަރުން އީރާނުން ފައިބައިފިއެވެ.
މި އިންސްޕެކްޓަރުން އީރާނުން ފައިބައިފައިވަނީ އައިއޭއީއޭ އަށް އެއްބާރުލުން ނުދިނުމަށް ލާޒިމުކޮށް އީރާނުން ޤާނޫނެއް ފާސްކުރުމާ ގުޅިގެންނެވެ.
އައިއޭއީއޭއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އިންސްޕެކްޓަރުންނަށް އޮސްޓްރިއާގެ ވިއެނާގައި ހުންނަ އެ އިދާރާގެ މައި މަރުކަޒަށް އެނބުރި ދިއުމަށް ވަނީ އަންގާފައިވެއެވެ.
އައިއޭއީއޭގެ ހުރިހާ އިންސްޕެކްޓަރުން އީރާނުން ފައިބައިފައިވާކަމަށް ޔަޤީންވެފައިނުވާ ކަމަށާއި އިންސްޕެކްޓަރުން އީރާނުން ފައިބައިފައިވަނީ އެއްގަމުމަގުން ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.
އިޒްރޭލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ދުވަސްވަރު މި އިންސްޕެކްޓަރުން ތިބީ އީރާނުގައެވެ. އިޒްރޭލާއި އެމެރިކާއިން އީރާނުގައި ނިއުކްލިއަރ ހަތިޔާރު އުފައްދާކަމަށް ތަކުރާރުކޮށް ތުހުމަތުކުރި ނަމަވެސް، އައިއޭއީއޭގެ އިންސްޕެކްޓަރުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފައްދާކަމުގެ އެއްވެސް ނިޝާނެއް އީރާނުން ފެނިފައިނުވާކަމަށް ބުނެފައެވެ.
އީރާނުން އައިއޭއީއޭއަށް އެއްބާރުލުން ނުދިނުމަށް ފާސްކުރި ޤާނޫނާ ގުޅިގެން، އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް މޮނިޓަރ ކުރުމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދު ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވެފައިވެއެވެ.
ރިއެކްޓް



