ޚަބަރު

ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިންމަނީ

ޕަސެންޖަރ ޓަރމިނަލްގެ 83 އިންސައްތަ , އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރު، ހެންގަރު އަދި ކާގޯ ބިލްޑިންގގެ 96 އިންސައްތަ މަސައްކަތް ވަނީ ނިންމާފަ

ޖުލައި 1, 2025 - 13:30
 0
ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިންމަނީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ: މިނިސްޓްރީ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާވެށި ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ 88.7 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ވަޒީރު މުއްޠަލިބް ދެއްވި މަޢުލޫމާތުގައި، 2،460 މީޓަރުގެ އާ ރަންވޭގެ މަސައްކަތް މުޅިން ނިމި، މިހާރު ފްލައިޓްތައް ޖެއްސުމަށް ބޭނުންކުރަމުންދަނީ މި ރަންވޭގެ ބައެއް ކަމަށް ވިދާޅުވިއެވެ. އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލްގެ 83 އިންސައްތަ މަސައްކަތް ނިމި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރު، ހެންގަރު އަދި ކާގޯ ބިލްޑިންގގެ 96 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން ފިއުލް ޖެޓީއާއި، ފިއުލް ފާމް، އިންޖީނުގެ، ޓަރމިނަލް ޖެޓީ އަދި އެއަރޕޯޓަށް އަންނަ ފަސިންޖަރުންނަށް މަޑުކޮށްލެވޭނެ ޓަރމިނަލް ފްރަންޓް އިމާރާތެއްވެސް ދަނީ ތަރައްޤީކުރަމުންނެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖް ހިމެނޭ މި އެއަރޕޯޓުގެ ޓަރމިނަލްގައި ދެ ފަންގިފިލާ ހިމެނޭއިރު، ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. މަތީ ފަންގިފިލާ ޚާއްޞަކުރެވިފައިވަނީ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ.

ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ އެއަރޕޯޓުގައި އެއްފަހަރާ 9 ފްލައިޓް ޕާކުކުރެވޭނެ އޭޕްރަންއެއް ވަނީ ޤާއިމުކޮށްފައެވެ. މީގެ ތެރޭގައި 3 އެއަރބަސް އަދި 6 އޭޓީއާރް މަތިންދާބޯޓު ޕާކުކުރެވޭނެ ޖާގަ ހިމެނެއެވެ.

މަޝްރޫޢު އަވަހަށް ނިންމުމަށްޓަކައި 800 އަށްވުރެ ގިނަ މުވައްޒަފުން 24 ގަޑިއިރު މަސައްކަތް ކުރަމުންދާއިރު، މި އެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭ320 އަދި ބޮއިންގް 737 ފަދަ ބޮޑެތި މަތިންދާބޯޓުތަކަށް ޚިދުމަތް ދެވޭނެ މި އެއަރޕޯޓަކީ މުޅި އުތުރުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނުވާނެ މަޝްރޫޢުއެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0