ގުއާމް އަތުން ރާއްޖޭގެ އަންހެން ފުޓްބޯޅަޓީމު ބަލިވެއްޖެ

އަންނަ އަހަރު އޮސްޓްރޭލިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަންކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު، ގުއާމް އާއި ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.
ވިއެޓްނާމްގައި ކުރިއަށްދާ މި މުބާރާތުގައި، ދުނިޔޭގެ ރޭންކިންގގެ 97 ވަނައިގައި އޮތް ގުއާމުން މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތައް ރާއްޖޭގެ ގޯލްކީޕަރު އާމިނަތު ލީޒާ ވަނީ ހުއްޓުވާލާފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވި ވަގުތު ގުއާމްގެ ރެބެކާ ބާޓޯޝް ވަނީ އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ރެބެކާ ބާޓޯޝް ވަނީ ގުއާމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި އޭނާ ވަނީ އަމިއްލަ ހެޓްރިކް ފުރިހަމަކޮށް، ގުއާމްގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދީފައެވެ.
ދުނިޔޭގެ ރޭންކިންގގެ 163 ވަނައިގައި އޮތް ރާއްޖެއިން މި މުބާރާތުގެ ފުރަތަމަ މެޗުގައި ވިއެޓްނާމާ ދެކޮޅަށް ކުޅެ، އެ މެޗުން 7-0 ގެ ނަތީޖާއަކުން ބަލިވެފައިވެއެވެ.
ކޮލިފައިންގ ޓުއުނަމަންޓުގެ އެންމެ ފަހު މެޗުގައި ރާއްޖެ ވާދަކުރާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ރިއެކްޓް



