ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ޔޫއޭއީ އިން އިސްރާއީލާއެކީ އެއްބަސްވުމަކަށް
ފުރަތަމަ މަރުހަލާގައި ޣައްޒާގެ 15،000 އާންމުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވޭނެ

ފަލަސްތީނުގެ ޣައްޒާއަށް ކުއްލި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިސްރާއީލާ ދެމެދު އެއްބަސްވުމަކަށް އާދެވިއްޖެއެވެ.
މި އެއްބަސްވުމުގެ ދަށުން ފުރަތަމަ މަރުހަލާގައި ޣައްޒާގެ 15،000 އާންމުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވޭނެއެވެ.
އެމިރޭޓްސްގެ ސަރުކާރުގެ މީޑިއާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމަށް އާދެވުނީ ޔޫއޭއީގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިޚް އަބްދުﷲ ބިން ޒައިދު އާއި އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއަން ސަރާ އާ ދެމެދު ބޭއްވުނު ފޯނު މަޝްވަރާއަކަށް ފަހުގައެވެ. މި އެހީގެ ތެރޭގައި ޣައްޒާގެ ބޭކަރީތައް ހިންގުމަށް ބޭނުންވާ މުހިންމު ތަކެއްޗާއި، ކުޑަކުދިންނަށް ބޭނުންވާ ތަކެތި ހިމެނެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެފައިވަނީ "އަމަލީ އަދި ޑިޕްލޮމެޓިކް ސަބަބުތަކަށް ޣައްޒާގައި ބަނޑުހައިހޫނުކަން ފެތުރުން ހުއްޓުވުމަކީ މުހިންމު ކަމެއް" ކަމަށެވެ. އިސްރާއީލުން ބުނާ ގޮތުގައި އަންގާރަ ދުވަހު 93 އެހީގެ ޓްރަކު ޣައްޒާއަށް ވަދެފައިވީ ނަމަވެސް، އދ. އިން ފާހަގަކުރަނީ އެހީ ފޯރުކޮށްދިނުން ލަސްވެފައިވާ ކަމަށެވެ.
މި މަޝްވަރާތަކުގައި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އަލުން ފެށުމުގެ އިތުރުން، ހަނގުރާމަ ހުއްޓުވުމާއި، ރަހީނުން ދޫކޮށްލުމާ ގުޅޭ ގޮތުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ މަސައްކަތްތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާރިޗު 18 އިން ފެށިގެން މިހާތަނަށް މަދުވެގެން 3،500 މީހުން ޝަހީދުވެފައިވާއިރު، މުޅި ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 53،573 އަށް އަރާފައިވެއެވެ. އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި 1،218 މީހުން މަރުވެފައިވެއެވެ.
ރިއެކްޓް



