ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އާތިފް ހަމަޖައްސަނީ
މިއީ އާތީ ގައުމީ އަންހެން ޓީމަށް އިރުޝާދުދޭ ތިން ވަނަ ފަހަރު

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މީގެ ކުރިން ވެސް އެ މަގާމު އަދާކުރި ކޯޗު މުހައްމަދު އާތިފް (އާތީ) ހަމަޖެއްސުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފީފާ އަށް ހުށަހަޅައިފި އެވެ.
އެފްއޭއެމުން މަޢުލޫމާތު ދިން ގޮތުގައި، ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޮންޓްރެކްޓް ހަމަވުމާ ގުޅިގެން މިދިޔަ މާޗް މަހު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ. އެގޮތުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ތަޖުރިބާކާރު ކޯޗު އާތީ ހޮވުމަށްފަހު، އޭނާގެ ނަން ފީފާއަށް ހުށަހަޅާފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
މިއީ އާތީ ގައުމީ އަންހެން ޓީމަށް އިރުޝާދުދޭ ތިން ވަނަ ފަހަރެވެ. އޭނާގެ ކުރީގެ ދައުރުތަކުގައި ގައުމީ އަންހެން ޓީމުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވެއެވެ.
އެގޮތުން އޭޝިއަން ގޭމްސްގައި ޓީމުގެ ނަތީޖާތައް ރަނގަޅުކުރުމާއި، ސިންގަޕޫރުގައި ބޭއްވި ކުއަޑްރަންގިއުލާ މުބާރާތުން ތިން ވަނަ ހޯދުން ހިމެނެއެވެ.
އަންނަ މަހު އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ޓީމުގެ ތައްޔާރީތައް މިހާރު ވަނީ އާތީގެ ބެލުމުގެ ދަށުން ފަށައިފައެވެ. ކޮލިފައިން މެޗުތަކުގައި ރާއްޖެއިން ވާދަކުރާނީ ވިއެޓްނާމް، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ގުއާމާ އެކުގައެވެ.
1998 ވަނަ އަހަރު ކޯޗިންގ ކެރިއަރު ފެށި އާތީ ވަނީ އުމުރުފުރާ ގައުމީ ޓީމުތަކާއި ސީނިއާ ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައެވެ. އަދި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކެއްގައި ކޯޗުކަން ކޮށްފައިވާ އާތީ މި ސީޒަނުގައި ވިކްޓަރީއާ ގުޅުނު ނަމަވެސް، ގައުމީ އަންހެން ޓީމުގެ ކޯޗުކަމުގެ ފުރުސަތު ލިބުމާ ގުޅިގެން އެ މަގާމާ ހަވާލުވީއެވެ.
ރިއެކްޓް



