ޚަބަރު

އެއްގަމު އުޅަނދު ދެން އެތެރެކުރެވޭނީ ބާއްވާނެ ޖާގަ ދެއްކުމަށްފަހު

ޖުލައި 14, 2025 - 12:55
ޖުލައި 14, 2025 - 14:28
 0
އެއްގަމު އުޅަނދު ދެން އެތެރެކުރެވޭނީ ބާއްވާނެ ޖާގަ ދެއްކުމަށްފަހު

ދެފުރޮޅުލީ އުޅަނދު ފިޔަވައި، އެހެނިހެން އެއްގަމު އުޅަނދު ދިވެހިރާއްޖެ އަށް ދެން އެތެރެކުރެވޭނީ އުޅަނދު ބާއްވާނެ ޖާގައެއް ދެއްކުމަށް ފަހުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ. މި އައު އުސޫލަށް އަމަލުކުރަން ފެށުނީ 13 ޖުލައި 2025 އިން ފެށިގެންނެވެ.

މި އުސޫލުގެ ދަށުން ޖާގައެއް ކަމުގައި ބަލާނީ ގަރާޖެއް، ޝޯރޫމްއެއް ނުވަތަ ރަޖިސްޓްރީ ވަންދެން އުޅަނދު ބޭއްވޭނެ ތަނެއް (މަގުމަތި ނޫން) ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މަގުމަތީގައި އުޅަނދު ބޭއްވުމަކީ މި އުސޫލުގެ ދަށުން ހުއްދަކުރެވޭނެ ކަމެއް ނޫނެވެ.

މާލޭގައި އުޅަނދު ބާއްވާނެ ތަނަށް ހުއްދަ ދޫކުރެވޭނީ މިނިސްޓްރީގެ ސާވޭޔަރުން އެތަނެއް ސަާވޭކުރުމަށް ފަހުގައެވެ. އަދި ރަށްރަށުގައިނަމަ، އެ ރަށެއްގެ ކައުންސިލުން އެތަން ބެލުމަށް ފަހުގައެވެ. އުޅަނދު ރާއްޖެއިން ބޭރުން ގަތުމަށްފަހު ރާއްޖެއަށް އައުމުގެ ކުރިން ވެސް މި ހުއްދައަށް އެދެވޭނެއެވެ. ހުއްދައަށް އެދޭތާ ރަސްމީ 5 ދުވަހުގެ ތެރޭގައި ޖާގައިގެ އެއްވެސް މައްސަލައެއް ނެތްނަމަ، ހުއްދަ ދޫކުރެވޭނެއެވެ.

ޖާގައަށް އެދި ހުށަހަޅަންޖެހޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، ފޯމު ހުށަހަޅަންޖެހޭނީ އީ-ޕޯޓަލް މެދުވެރިކޮށްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އުޅަނދު އެތެރެކުރުމަށް ދޫކުރެވޭ ހުއްދައިގައި ކިއު.އާރް ކޯޑެއް ހިމެނޭނެ ކަމަށާއި، މި ކޯޑު ސްކޭންކޮށްލުމުން އުޅަނދުގެ ވެރިފަރާތަށާއި، މިނިސްޓްރީއަށް އަދި ހުރިހާ ތަންފީޒީ އިދާރާތަކަށް ވެސް ހުއްދައިގެ ސައްހަކަން ކަށަވަރުކުރެވޭނެ އެވެ.

މިނިސްޓްރީން މި އުސޫލަށް ތަންފީޒު ކުރަން މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައާއި ޕާކިން މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މީގެ ސަބަބުން މަގުމަތީގައި ރަޖިސްޓްރީނުކޮށް ހުންނަ އުޅަނދުގެ އަދަދު މަދުވެ، މާލޭގެ މަގުތަކަކީ އާންމު ރައްޔިތުންނަށް ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0