ޚަބަރު

އެއްބާރުލުންދިނުމަށް ތިން ފަހުމުނާމާއެއްގައި ރާއްޖެއިން ސިންގަޕޫރާއެކު ސޮއި ކޮށްފި

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވި

ޖުލައި 1, 2025 - 08:44
 0
އެއްބާރުލުންދިނުމަށް ތިން ފަހުމުނާމާއެއްގައި ރާއްޖެއިން ސިންގަޕޫރާއެކު ސޮއި ކޮށްފި
ފަހުމުނާމާގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ރައީސްއޮފީސް

ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެ، ތިން ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ސޮއިކުރެވުނު ފަހުމުނާމާތަކުގެ ތެރޭގައި، ޤާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސިންގަޕޫރު ސަރުކާރާ ދެމެދު ވެވޭ ފަހުމުނާމާ ހިމެނެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ ދެމެދުވެސް ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.

އަދި ތިންވަނަ ފަހުމުނާމާއަކީ މަތީ ތަޢުލީމާއި، ތަޢުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ވެވޭ ފަހުމުނާމާއެވެ.

މި ފަހުމުނާމާތަކުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ފަހުމުނާމާތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0