ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި

މާލޭ ގެއެއްގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، މާލެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް, އަނިޔާ ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ކަމަށެވެ.
ފުލުހުންގެ ތަހުގީގުން ކުރި މަސައްކަތުން އެ މީހާ ހުރި ތަން ހޯދައި، އެ މީހާ ސަލާމަތްކޮށް، މައްސަލައިގެ ތުހުމަތުގައި އައްޑޫ ސިޓީ ފޭދޫ, ސުވާސާގެ އިބްރާހިމް ސައީދު (48އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
އަދި މީގެ އިތުރުން ރަހީނުކޮށްފައިހުރި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް



