ދަރުބާރުގޭ ޓްރާންސްފޯމަރަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

ދަރުބާރުގެ ގޯތިތެރޭގައި ހުރި ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރިކޮށް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ތަކުރާރުކޮށް މިފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ސ. ހިތަދޫ އަންދާޒާ, މުޙައްމަދު ޝިނާން ހައްޔަރުކޮށްފައިވަނީ ކަރަންޓު ނަރުތައް ބުރިކޮށްގެން އެ ސަރަހައްދުން ފިލަން އުޅެނިކޮށް ކަމުގައި ފުލުހުން ވަނީ ކޯޓުގައި މަޢުލޫމާތު ދީފައެވެ. ފުލުހުން ބުނި ގޮތުގައި މި މިހާ ހައްޔަރު ކުރުމުގައި ޢާއްމުންގެ އެހީތެރިކަން ވަނީ ލިބިފައެވެ. އަދި ހައްޔަރު ކުރި ގަޑީގައި އޭނާ "ވައިލެންޓް" ކޮށް އުޅުނު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ކުށުގެ ވެށިން ކަޓަރަކާއި ރެންޗެއް ފެނިފައިވާކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން ޢާއްމުކުރި ބަންދު އަމުރުން އެނގޭ ގޮތުގައި މި މީހާއަކީ ކަރަންޓު ނަރު ބުރިކޮށްގެން ވަގަށް ނެގުމުގެ ތުހުމަތުގައި 5 ފަހަރަށް ހައްޔަރުކޮށްފައިވާ މީހެކެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޖޫންމަހު, 2023 ވަނަ އަހަރުގެ ޖުލައި, 2024 ވަނަ އަހަރުގެ ޖަނަވަރީމަހާއި އޮކްޓޫބަރު މަހުގެ އިތުރުން މިއަހަރުގެ މެއި މަހު މިބާވަތުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
މިމީހާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ 15 ދުވަހަށެވެ.
ރިއެކްޓް



