ކައުންސިލު މެންބަރު އިޝާން އަށް މޭޔަރު އާޒިމް ރައްދު ދެއްވައިފި

މާލެ ސިޓީ ކައުންސިލް ހިންގުމުގައި އާޒިމް ގެންގުޅުއްވާ ހަމަ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލު މެންބަރު ފާތިމަތު އިޝާން ދެއްވި އިންޓަވިއު އަކަށް މޭޔަރު އާޒިމް ރައްދު ދެއްވައިފިއެވެ.
މާލެ ސިޓީއަކީ ތަރުތީބެއް އޮތް ތަނެއް ނޫންކަމަށާއި އޭގެ އެންމެ މައިގަނޑު ސަބަބަކީ މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ކަމަށާއި، މާލެ ސިޓީ ކައުންސިލުގެ ކަންކަން ކުރިޔަށް ގެންދަވާ ގޮތުގައި ތަރުތީބެއް ނެތްކަމަށް ވިދާޅުވެ، އިޝާން ވަނީ މެންދުރު ޓީވީއަށް ދެއްވި އިންޓަވިއު އެއްގައި އާޒިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ވަކިން ހާއްސަކޮށް، ގައުމީ ދާރުލްއާސާރުގެ ކަންކަން ތަރުތީބުން ބަލަހައްޓަމުން ނުދާ ކަމަށާއި ދާރުލް އާސާރަށް ވަދެފައި ވަރަށް ބޮޑަށް ދެރަވިކަމަށް ފާހަގަކުރެއްވިއެވެ.
"މިއުޒިއަމްގައި ހުރި އިހުޒަމާނުގެ އެއްޗެހިތައް ކޮން ދުވަހަކުތޯ ފޮޅާލީ؟ ކޮބައިތޯ އަޅުގަނޑުމެންގެ ހިސްޓްރީ؟ މިއިން އެއްވެސް ކަމެއް ހަގީގަތުގައި ތަރުތީބެއް ނުކުރެވޭ، ތަރުތީބަކުން ނޫން މި ގެންދަނީކީއެއް،" އިޝާން ވިދާޅުވި އެވެ.
ނަމަވެސް، ގައުމީ ދާރުލްއާސާރު ބަލަހައްޓަވަމުން ގެންދަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު، އާދަމް ނަސީރުގެ ބެެއްލެވުމުގެ ދަށުންނެވެ. މިނިސްޓަރުގެ އޮފީސް ވެސް ގާއިމުކުރެވިފައި ވަނީ އެ އިމާރާތުގައެވެ. ދާރުލް އާސާރުގެ އެއްވެސް ކަމެއް ބެލެހެއްޓުން ސިޓީ ކައުންސިލުގެ މެންޑޭޓުގައި ހިމެނިފައި ނުވެއެވެ.
ސޯޝަލް މީޑިޔާގައި މި ވީޑިއޯ ދައުރުވުމުން މޭޔަރު އާޒިމް ގެ ކޮމަންޓަކަށް ރައްޔިތަކު ވަނީ ސުވާލުކޮށްފައެވެ. ޖަވާބުގައި އާޒިމް ވިދާޅުވީ "އެ ބޭފުޅާ ނިސްބަތްވާ ޕާޓިގެ ސަރުކާރަށް ކަންތައް ނުކުރެވޭ ވާހަކަ އެވިދާޅުވީ. ވަރަށް ބޮޑު ހަގީގަތެއް. މިއުޒިއަމް ބަލަހައްޓަނީ ފެށުނީއްސުރެ ސަރުކާރުން. އަޅުގަނޑު އެދެނީ އެތަން ތަން ކައުންސިލާއި ހަވާލުކުރަން. އޭރަށް ތަފާތު ފެންނާނެ" ކަމަށެވެ.
އިޝާން ނިސްބަތްވެ ވަޑައިގަންނަވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީ އަށެވެ. އަދި އާޒިމް ނިސްބަތްވެ ވަޑައިގަންނަވަނީ އިދިކޮޅު އެމްޑީޕީ އަށެވެ.
ރިއެކްޓް



