ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
މި މަޤާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. މިގޮތުން މި މަޤާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވަގުތީގޮތުން ފުލުހުންގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން އާއި، ކުރީގެ އެކްޓިންގ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިދިޔަ ހަފުތާގައި ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވައި ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެންމެ ފުރަތަމަ މި މަޤާމު ވަގުތީގޮތުން ހަވާލުކުރެވުނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހޯމް މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ އެ މަޤާމު ވަގުތީގޮތުން ހަވާލުކޮށްފައެވެ. ނަވީން ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅުވެސް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ކުރިމަތިލައްވާފައެވެ. ނަމަވެސް އެފަހަރު ކޮމިޝަނަރަކަށް އައްޔަންކޮށްފައިވަނީ ޝުޖާޢު އެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެވޭނީ އެ މަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ފެންވަރު ޕޮލިސް ބޯޑުން ވަޒަންކޮށް، ނުވަތަ އިންޓަވިއު ކުރުމަށްފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ރިއެކްޓް



