ސިވިލް ސޮސައިޓީ އެވޯޑަަށް ކުރިމަތިލުމަށް ހުޅުވާލައިފި
ސިވިލް ސޮސައިޓީ އެވޯޑަަށް ކުރިމަތިލުމަށް ހުޅުވާލައިފި

މުޖުތަމަޢު ބާރުވެރިކުރުމަށް ހިލޭސާބަހަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ޒުވާނުންނާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ.
މި އެވޯޑަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް އަމިއްލަ އިސްނެގުމުގެ މަތިން މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ތެރެއިން، އެ ޖަމްޢިއްޔާއެއް ނިސްބަތްވާ މުޖުތަމަޢުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ނަމޫނާ މަސައްކަތްތަކެއް ކޮށްފައިވާ ޖަމްޢިއްޔާތަކަށް ދެވޭ ޚާއްސަ އިނާމެކެވެ.
މި އެވޯޑު ލިބޭ ޖަމްޢިއްޔާތަކަށް ޚާއްސަ އެވޯޑަކާއި ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަދަނީ ޖަމްޢިއްޔާތަކުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކުގެ ހިތްވަރު އިތުރުކުރުމަށް ދެވޭ އިނާމެކެވެ.
މި އެވޯޑަށް ކުރިމަތިލާން ޝައުޤުވެރިވާ ޖަމްޢިއްޔާތަކަށް މި އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އެޕްލިކޭޝަން ފޯމު ވުޒާރާގެ ކައުންޓަރު (ސޯޝަލް ސެންޓަރ) އަށް ގެންގޮސް ހުށަހެޅުމުގެ އިތުރުން، ce@youth.gov.mv އަށް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.
މި އެވޯޑުގެ ސަބަބުން މަދަނީ ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބި، މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ރިއެކްޓް



