ކެންސަރު ބަލީގެ ވެކްސިން 505 ދަރިވަރަކަށް ދީފި
ވެކްސިން ދީފައިވަނީ 5 ސްކޫލެއްގެ ދަރިވަރުންނަށް

ކެންސަރު ބަލިން ރައްކާތެރިވުމަށް ޖަހާ ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން މާލެ ސަރަހައްދުގެ 5 ސުކޫލަކުން 505 ދަރިވަރަކަށް ދީފިއެވެ.
މިއީ ދުނިޔޭގެ ވެކްސިން ހަފްތާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މާލެ ސަރަހައްދުގެ ސުކޫލުތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ސިއްހީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ހަރަކާތަކީ ގައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިންތަކުގެ ކަވަރޭޖް ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތެކެވެ. މި ހަރަކާތުގައި އިމާދުއްދީން ސްކޫލް، ސަލާހުއްދީން ސްކޫލް، ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް އަދި ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް ބައިވެރިވިއެވެ.
އެޗްޕީވީ ވެކްސިން އަކީ 2019 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން 10 އަހަރުގެ އަންހެން ކުދިންނަށް ދެވޭ ވެކްސިނެކެވެ. މި ވެކްސިންއަކީ ހިއުމަން ޕެޕިލޯމާ ވައިރަސްއިން ޖެހޭ ކެންސަރުތަކުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި ސިއްހީ މާހިރުން ފާހަގަކުރައްވައެވެ.
އެޗްޕީވީ ފެތުރުން މަދުކުރުމަށްޓަކައި ވެކްސިން ޖަހާ އާބާދީ ބޮޑުކޮށް ކަވަރޭޖް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ސިއްހީ ވުޒާރާއިން ފާހަގަކުރައްވައެވެ. މި ވެކްސިން ޕްރޮގްރާމްގެ ސަބަބުން ކުރިމަގުގައި ކެންސަރު ބަލީގެ ނުރައްކާ ކުޑަވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ރިއެކްޓް



