ބްރޯޑްކޮމްއަށް ވަނީ ސާވާގެ މައްސަލައެއް ހައްލުކުރަން: ފުލުހުން
މައްސަލަ ދިމާވެފައިވަނީ ބްރޯޑްކޮމްގެ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލުމަށްފަހު ގެއަށް ދިއުމާ ގުޅިގެން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ފުލުހުންގެ ޓެކްނީޝަނުންގެ ޓީމެއް އެ އިދާރާއަށް ޒިޔާރަތްކޮށްފިއެވެ.
ބްރޯޑްކޮމްއާ ގުޅޭ މައްސަލައެއް ތަހުގީގުކުރަން ފުލުހުން އެ އިދާރާއަށް ވަދެގެން އުޅޭ ކަމުގެ ޚަބަރުތައް ފެތުރިފައިވަނިކޮށް، ފުލުހުން މިރޭ ވިދާޅުވެފައިވަނީ އެއީ ތަހުގީގީ މައްސަލައަކާ ގުޅިގެން ނޫން ކަމަށެވެ. އެ އިދާރާގެ ސާވާއަށް ދިމާވެފައިވާ މައްސަލައެއް ހައްލުކުރުމަށް ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލަ ދިމާވެފައިވަނީ ބްރޯޑްކޮމްގެ މެމްބަރުންތަކަކާ މެދު ހިތްހަމަނުޖެހުންތަކެއް އުފެދި، ކޮމިޝަންގެ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލުމަށްފަހު ގެއަށް ދިއުމާ ގުޅިގެންނެވެ. މުވައްޒަފުން ހިތްހަމަނުޖެހިފައިވަނީ ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑް ކުރުމާއި، ބޭއިންސާފުން ކަންތައްތައް ކުރަމުންދާ ކަމަށް ބުނެއެވެ.
ބްރޯޑްކޮމްގައި ޖުމްލަ 26 މުވައްޒަފުން މަސައްކަތްކުރާއިރު، މިއަދު މަސައްކަތަށް ހާޒިރުވި މުވައްޒަފުންގެ ތެރެއިން 9 މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލުމަށްފަހު ގެއަށް ގޮސްފައެވެ. އަދި އިތުރު ބައެއް މުވައްޒަފުން ވަނީ ސަލާމް ބުނެފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ރިއެކްޓް



