އަންނަ ރަމަޟާން މަހު ހާފިޒުންގެ ޢަދަދު ދެ ގުނަވާނެ: ޑރ. ޝަހީމް

ކުރިއަށް އޮތް ރަމަޟާން މަހުގެ 27 ވިލޭރޭ ދަސްވެނިވާ ހާފިޒުންގެ އަދަދު، މިދިޔަ އަހަރުގެ ރަމަޟާން މަހާ އަޅާބަލާއިރު ދެގުނަ އިތުރުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ހަފްތާގައި ވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި ހާފިޒުންގެ އިމްތިހާނު ކުރިއަށްދާ ކަމަށެވެ. މިހާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއްގައި 1،434 ދަރިވަރުން ދަނީ ގުރުއާން ހިތުދަސްކުރަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ 783 އަންހެން ކުދިންނާއި 651 ފިރިހެން ކުދިންނެވެ.
އެންމެ ގިނަ ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައެވެ. މާލޭގައި ހިންގާ އެ މަރުކަޒުގައި 424 ކުދިން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. މީގެ އިތުރުން އެ މަރުކަޒުގެ ހުޅުމާލެ ގޮފީގައި 155 ދަރިވަރުންނާއި، ވިލިމާލެ ގޮފީގައި 45 ދަރިވަރުން، ފުވައްމުލަކު ގޮފީގައި 67 ދަރިވަރުން، އަލިފުށީ ގޮފީގައި 34 ދަރިވަރުން، ގއ. ދާންދޫ ގޮފީގައި 42 ދަރިވަރުން އަދި ރ. ކިނޮޅަހު ގޮފީގައި 80 ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި 24 ހާފިޒަކަށް ވަނީ ސަނަދު ދޫކޮށްފައެވެ. މިއީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ހާފިޒުކަމުގެ ސަނަދު ހާސިލުކުރި އަހަރެވެ. ރާއްޖޭގައި މިވަގުތު ތިބީ 266 ހާފިޒުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މި ޖުލައި މަހުން ފެށިގެން ހާފިޒުންނަށް ދެމުންދާ އެލަވަންސް ދެގުނަ ކުރުމަށް ވަނީ ނިންމަވާފައެވެ. މިގޮތުން ހާފިޒުންނަށް މަހަކު 4،000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ހާފިޒުން އުފެއްދުމާއި، ފަސް އަހަރު ތެރޭގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ކުދިންގެ އަދަދު 1،000 އަށް އެރުވުމެވެ.
ރިއެކްޓް



