ރައީސްގެ ވަޢުދުފުޅާއެއްގޮތަށް އައްޑޫ އަދި ފުވައްމުލަކު ސިޓީގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރަން ފަށައިފި

ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ދެއަވަށެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އައިޑީ ކާޑުގެ ޕްރިންޓުކުރުމުގެ ޚިދުމަތް ފަށާފައިވަނީ ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުދޫގައެވެ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނި ގޮތުގައި މީގެ ސަބަބުން ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑިއެންއާރުން ފާހަގަކުރެއްވިއެވެ.
23 އަށްވުރެ ގިނަ ރަށުގައި މި ޚިދުމަތް ދެމުންދާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އަދި މީގެ އިތުރުން ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމުގައި ސަރުކާރުން ވަނީ ކުރިން ހާމަކޮށްފައެވެ. މިހާރުވެސް މެލޭޝިއާގައި އައިޑީކާޑުގެ ޚިދުމަތް ވަނީ ފަށާފައެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ލުއިފަސޭހަވާނެ ގޮތެއްގައި ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޢިއްޒު ނުހަނު އިސްކަންދެއްވާކަމެއްކަމަށް އެމަނިކުފާނު ވަނީ އެތައް މުނާސަބަތެއްގައި ފާހަގަކުރައްވާފައެވެ.
ރިއެކްޓް



