އާސަންދައަށް ބޭސް ދޫނުކޮށް ބޭސް ވިއްކާ މައްސަލަ ވަރަށް ގިނަ: އާސަންދަ
ބޭސް ހުންނައިރު އާސަންދައިން ދޫނުކޮށް އެ ވިއްކާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އާސަންދައިން ބުނޭ

ފާމަސީތަކުގައި ބޭސް ހުންނައިރު އާސަންދައިން ދޫނުކޮށް އެ ވިއްކާ މައްސަލަ ވަރަށް ބޮޑުވެފައިވާކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ، ބޭހުގެ އަގުތަކަށް ގެނައި ބަދަލަށް ފަހު، އާސަންދައިން ބޭސް ހޯދަން ދިއުމުން ބޭސް ނުހުންނަ ކަމަށް ފާމަސީތަކުން ބުނާއިރު، އެ ފާމަސީއަށް ހަމަ އެ ބޭސް ގަންނަން ދިއުމުން ވިއްކާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.
"ފާމަސީގެ އުސޫލެއް އޮވޭ އެންސްޕާއިން ކަނޑައަޅާފައި، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ނަގާ ފިޔަވަޅުތަކުގެ ތެރޭގައި ފާމަސީތަކަށް މަޖުބޫރުވާނެ އާސަންދައިގެ ދަށުގައި ހުރިއްޔާ އާސަންދައިގެ ތެރެއިން ހުރިހާ ބޭހެއް ދޭން. އެ ކަހަލަ ފިޔަވަޅުތަކެއް އަޅަން އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން ދަނީ އުސޫލު ބަދަލުކޮށްގެން،" ޒީނިޔާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭގޮތުން އެންސްޕާގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ފާހަގަކުރެވޭ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި، މީގެ ތެރޭގައި ޖޫރިމަނާކުރުމާއި އެހެނިހެން ހަރުކަށި ފިޔަވަޅުތައް ހިމެނޭ ކަމަށެވެ.
ބޭސްތަކަށް އާސަންދައިން ކަނޑައަޅާފައިވާ އަގު ކުޑަކުރުމާ ގުޅިގެން، ފާމަސީތަކުން ބޭސް ލިބުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމެވެ. މީގެ ތެރޭގައި ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި، ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް ދައްކައި އާސަންދައިން ދޫކުރުން އަމިއްލަ ބޭސް ފިހާރަތަކުން ހުއްޓާލާފައިވާ ކަން ފާހަގަކުރެވެ އެވެ.
ރިއެކްޓް



