ޓެކްސް ފައިސާ އިތުރު ކުރާނީ ލޯނުގެ ތެރެއަށް

މެލޭޝިއާގައި ކިޔަވާ ބިދޭސީ ދަރިވަރުންގެ އަތުން ނަގަން އެ ގައުމުން ނިންމި ޓެކްސް ފައިސާ، އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަމަޖައްސައިދިނުމަށްޓަކައި، އެ ފައިސާ ދަރިވަރުންގެ ލޯނުގެ ތެރެއަށް އިތުރުކުރަން ސަރުކާރުން ނިންމައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، އެ ވުޒާރާއިން ދީފައިވާ ސްކޮލަޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ޓެކްސް ދައްކަންޖެހޭ ދަރިވަރުންނަށް، އެ ދަރިވަރަކު ކިޔަވަމުންދާ ތަޢުލީމީ މަރުކަޒުތަކުން މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި އެ ޓެކްސް ހިމަނައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަދި ވުޒާރާއިން ދޫކުރާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މި ޓެކްސް ދައްކަންޖެހޭ ދަރިވަރުންނަށް، އެ ދަރިވަރެއްގެ އެދުމުގެ މަތިން ޓެކްސްގެ އަދަދު އެ ދަރިވަރެއްގެ ލޯނުގެ ތެރެއަށް އިތުރުކޮށްދެވޭނެއެވެ.
މެލޭޝިއާ ސަރުކާރުގެ ނިންމުމުގައިވާ ގޮތުން، މި ޓެކްސް ނަގަން ނިންމާފައިވަނީ މެލޭޝިއާގެ އަމިއްލަ ތަޢުލީމީ ނިޒާމުގައި ކިޔަވާ ހުރިހާ ބިދޭސީ ދަރިވަރުންގެ އަތުންނެވެ.
މި ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ އަހަރަކު 60،000 މެލޭޝިއަން ރިންގިޓް (ދިވެހި ރުފިޔާއިން 218،000 ރުފިޔާ) އަށްވުރެ ގިނަ އަދަދެއް ކޯސް ފީގެ ގޮތުގައި ހޭދަކުރާ ދަރިވަރުންގެ އަތުންނެވެ. މިފަދަ ދަރިވަރުން މިނިސްޓްރީއަށް އީމެއިލް ކުރުމަށްފަހު، އެކަމަށް ޚާއްޞަކޮށްފައިވާ ފޯމު ފުރިހަމަކުރުމަށް ވުޒާރާއިން ވަނީ އަންގާފައެވެ.
ރިއެކްޓް



