އިސްތަށިގަނޑު ކަޅު ކުރުމަކީ ހުއްދަ ކަމެއް: ފަތުވާ މަޖިލިސް

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ.
އިއްޔެ ޢައްމުކުރި ފަތުވާގައި ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ މިދިޔަ ފެބްރުއަރީމަހުގައި ކަމަށެވެ.
އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް އޮންނަ ކަމަށާއި މި ކަމަކީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔަކާއި، ހަރާމް ކަމަށް ވިދާޅުވާ ދީނީ އިލްމުވެރިންގެ ރައުޔެއް. އޮންނަަ ކަމަށް ފަތުވާގައި ފާހަގަކޮށްފައިވެެއެވެ.
ފަތުވާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ ރައުޔަކީ ވެސް ދަލީލުތަކުގެ މައްޗަށް ބިނާވެފައިވާ ރައުޔުތަކެކެވެ. އަދި މިއީ އިޖުތިހާދީ މައްސަލައަކަށް ވާތީ، އިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައިވަނީ އެ ބޭކަލުންގެ އިޖުތިހާދާ ކަމަށް ވެސް ފަތުވާގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް، ފަތުވާ މަޖިލީހުން ވަނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަކޮށްފައެވެ. އެހެންކަމުން، އެއީ ހުއްދަ ކަމެއް ކަމަށް ފަތުވާ މަޖިލީހަށް ބުރަވެވޭ ކަމަށް އެ ފަތުވާގައި ބަޔާންކޮށްފައިވެ އެވެ.
ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދިފައި ހުންނަ ކަންކަމުގައި މީގެކުރިން ވެސް ފަތުވާ މަޖިލީހުން ގިނަ ފަތުވާތަކެއް ނެރެފައިވެއެވެ. މި ފަތުވާއަކީ ވެސް އެފަދަ މުހިންމު ފަތުވާއެއް ކަމުގައި ބެލެވެ އެވެ.
ރިއެކްޓް



