ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޓެލެމެޑިސިންގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އެ ހޮސްޕިޓަލުގައި ޓެލެމެޑިސިންގެ ޕައިލެޓް ޕްރޮޖެކްޓް އިފްތިތާހުކޮށްފިއެވެ.
މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
ކުޅުދުއްފުށީގައި ސިއްޙީ ޚިދުމަތް 1960ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ދެމުން ދިޔަ ނަމަވެސް، އަސާސީ ޚިދުމަތެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ޚިދުމަތް ފެށިފައިވަނީ 1982 ވަނަ އަހަރުއެވެ. މިވީ 43 އަހަރުގެ ތެރޭގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ސިއްޙީ ދާއިރާއިން ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައެވެ.
ޓެލެމެޑިސިންގެ ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދާނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ފ.އަތޮޅު ހޮސްޕިޓަލާ ގުޅިގެންނެވެ. މި ޚިދުމަތުގެ ސަބަބުން، ފ.އަތޮޅުގައި ނެތް ޚިދުމަތްތައް ކުޅުދުއްފުށީ ހޮސްޕިޓަލުން އަދި ކުޅުދުއްފުށި ހޮސްޕިޓަލުގައި ނެތް ޚިދުމަތްތައް އައިޖީއެމްއެޗް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. އަދި މީގެ އިތުރުން މެޑިކަލް ޓެސްޓުތަކުގެ ނަތީޖާ އޮންލައިންކޮށް ބެލުމުގެ ފަސޭހަކަން ވެސް ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި ސަރުކާރުގެ 2.0 މަޝްރޫޢުގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީއާ ސިއްޙީ ދާއިރާ ގުޅިލާމެހިގެންދާނެއެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ސިއްޙީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
އަހަރީ ދުވަހުގެ މި ޚާއްސަ ޖަލްސާގައި ޓެލެމެޑިސިންގެ އިތުރުން ވެސް މުހިންމު ދެ ޚިދުމަތެއް ވަނީ އިފްތިތާހުކޮށްފައެވެ. މި އައު ޚިދުމަތްތަކާއެކު، ހޮސްޕިޓަލުން ދެމުންދާ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ފަސޭހައިން ތަފާތު ފަރުވާތައް ލިބިގެންދާނެއެވެ.
ރިއެކްޓް



