ހަނިމާދޫ އެއާޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭ ވާހަކައަކީ ބުހުތާނު ދޮގެއް: ސައީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭ ކަމަށް ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ އާއި، މިކަމާބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމެއްގައި އަދާނީ ގުރޫޕުގެ ޗެއާމަންއާ ބައްދަލުކޮށް މި އެއާޕޯޓް އެ ކުންފުންޏަށް ވިއްކުމަށް ސަރުކާރުން މަޝްވަރާކުރި ކަމަށް ތުހުމަތުކުރައްވާފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުގެ 88.7 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަހުމަދު މުއްތަލިބް ވިދާޅުވެފައިވަނީ މި މަޝްރޫއު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރިހަމަ ކުރެވޭނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 2,464 މީޓަރުގެ އައު ރަންވޭއެއް އެޅުމުގެ އިތުރުން، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޓާމިނަލެއް އިމާރާތްކުރެވެއެވެ. މަޝްރޫއު ނިމުމުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މީގެ އިތުރުން ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެއިރޯ ބްރިޖްތައް ވެސް މި މަޝްރޫއުގައި ހިމެނެއެވެ.
ރިއެކްޓް



