ދުނިޔެ

މެދުކެނޑުމަކަށްފަހު އީރާނުން ބައިނަލްއަގުވާމީ ފްލައިޓުތައް އަލުން ފަށައިފި

ޖުލައި 5, 2025 - 09:22
 0
މެދުކެނޑުމަކަށްފަހު އީރާނުން ބައިނަލްއަގުވާމީ ފްލައިޓުތައް އަލުން ފަށައިފި
ފޮޓޯ: އޭޕީ

މެދުކެނޑުމަކަށް ފަހު އީރާނުގެ އިމާމް ޚުމެއިނީ އިންޓަނޭޝަނަލް އެއާޕޯޓުން ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް މިއަދު އަލުން ފަށައިފިއެވެ.

20 ދުވަހުގެ މެދުކެނޑުމަށްފަހު އެންމެ ފުރަތަމަ ޖެއްސި ފްލައިޓަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފުރައިގެން އައި ފްލައިދުބާއީގެ ފްލައިޓެކެވެ.

އީރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ތަރުޖަމާނު މެހެދީ ރަމޭޒާނީ ވިދާޅުވި ގޮތުގައި، މި ފްލައިޓް ޖައްސާފައިވަނީ "ފުރިހަމަ ސެކިއުރިޓީ އާއި ޑިޕްލޮމެޓިކް ކޯޑިނޭޝަނަކަށް ފަހު" އެވެ. އަދި މިއީ އެ ގައުމުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް "ހަމަޖެހުމުގެ އާ މަރުހަލާއެއް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލާއެކު ދާދި ފަހުން އުފެދުނު ނުތަނަވަސްކަމާ ގުޅިގެން، މި ލޭންޑިންގއަކީ އީރާނުގެ ވައިގެ ސަރަހައްދުގެ ހަމަހިމޭންކަމާއި ފުރިހަމަ މެނޭޖްމަންޓަށް އެނބުރި އައުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ރަމޭޒާނީ ފާހަގަކުރެއްވިއެވެ. އަދި އާންމުންގެ ބޭނުންތައް ފުއްދުމަށާއި ވައިގެ ކަނެކްޝަންތައް އަލުން ގާއިމުކުރުމުގެ ގޮތުން، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުތައް މަޑުމަޑުން އިތުރު މަންޒިލްތަކަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި އީރާނާއި އިސްރާއީލާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި، އިސްރާއީލުން ވަނީ އީރާނުގެ އަސްކަރީ އެތައް ސަތޭކަ އިންފްރާސްޓްރަކްޗާއަކާއި ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އިސްރާއީލަށް މިސައިލް ފޮނުވައި، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ނަމަވެސް މިހާރު ވަނީ ދެ ގައުމުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން މެދުކެނޑުނު ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް އަލުން ފެށުމަކީ، އީރާނުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0