ދުނިޔެ , ޚަބަރު

އީލޯން މަސްކު ޑީޕޯޓު ކުރުމާމެދު ވިސްނާނަން: ޓްރަމްޕު

އީލޯން މަސްކަށް ލިބޭ ސަރުކާރުގެ ސަބްސިޑީތަކާ މެދު ފިޔަވަޅު އަޅާން ކަމުގެ އިންޒާރު ޓްރަމްޕު ވަނީ ދީފަ

ޖުލައި 2, 2025 - 09:10
 0
އީލޯން މަސްކު ޑީޕޯޓު ކުރުމާމެދު ވިސްނާނަން: ޓްރަމްޕު
ޓްރަމްޕާއި މަސްކު -- ފޮޓޯ: އޭޕީ ނިއުސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް އެމެރިކާއިން ޑިޕޯޓް ކުރުމާމެދު ވިސްނާނެ ކަމަށާއި، އޭނާއަށް ލިބޭ ސަރުކާރުގެ ސަބްސިޑީތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

ވައިޓް ހައުސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރަމްޕް ވިދާޅުވީ "އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑުމެން އެކަމާ ދޭތެރޭ ވިސްނާލަން ޖެހޭނެ" ކަމަށެވެ. އަދި އޭނާ އަލަށް އުފެއްދި ސަރުކާރުގެ އިދާރާ، "ޑިޕާޓްމަންޓް އޮފް ގަވަރންމެންޓް އެފިޝިއެންސީ (ޑޯޖް)" މަސްކްގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭނުންކުރައްވާނެ ކަމުގެ އިޝާރާތްވެސް ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ޖެހިދާނެ 'ޑޯޖް' އީލޮންގެ ފަހަތުން އަޅުވަން. ޑޯޖް އަކީ ފަހަރެއްގައި އީލޮން ކާލަން ދާންޖެހިދާނެ 'މޮންސްޓަރ' އެއް" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މި އިންޒާރުތައް ދެއްވީ، ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ "ވަން ބިގް ބިއުޓިފުލް ބިލް" އިން އިލެކްޓްރިކް ވެހިކަލްތަކަށް (އީވީ) ދޭން ކަނޑައަޅާފައިވާ އެހީތައް އުނިކުރުމާ ގުޅިގެން، މަސްކް އެކަމާ ހިތްހަމަނުޖެހިގެން އެ ބިލަށް ފާޑުކިޔަމުންދާތީއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ "އޭނާއަށް އޭނާގެ އީވީ މެންޑޭޓް އެބަ ގެއްލޭ. އޭނާ ވަރަށް ހިތްހަމަނުޖެހިފަ އެހުރީ، އެކަމަކު އަޅުގަނޑަށް ބުނެވޭނީ، އެއަށްވުރެ މާގިނަ އެއްޗިހިވެސް އޭނާގެ އަތުން ގެލިދާނޭ" ކަމަށެވެ. އަދި ޓްރޫތު ސޯޝަލްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، ސަރުކާރުގެ ސަބްސިޑީތައް ނެތްނަމަ، އީލޮން އަށް އޭނާގެ ވިޔަފާރިތައް ހުއްޓާލާފައި އޭނާގެ ގައުމު، ދެކުނު އެފްރިކާއަށް އެނބުރި ދާން ޖެހުނީސްކަމަށެވެ.

މަސްކަކީ 2024 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕަށް އެންމެ ބޮޑު މާލީ އެހީއެއް ދިން އެއް ފަރާތް ކަމަށްވެފައި، އިންތިޚާބަށްފަހު ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވިއެވެ.. ނަމަވެސް، މި ބިލާ ގުޅިގެން ދެ ބޭފުޅުންގެ ދެމެދުގައި ވަނީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ދެބަސްވުންތަކެއް ހިނގާފައެވެ. މިކަމާ ގުޅިގެން މަސްކް ވަނީ، އެ ބިލް ފާސްވެއްޖެނަމަ "އެމެރިކާ ޕާޓީ" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ގޮވާލައިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0