އިޓަލީގައި މަތިންދާބޯޓެއްގެ އިންޖީނުގެ ތެރެއަށް މީހަކު ދަމައިގެންފި

އިޓަލީގެ މިލާންގައި މިއަދު ހެނދުނު ހިނގި ހިތާމަވެރި ހާދިސާއެއްގައި، އެއާޕޯޓުގެ މުވައްޒަފެއް މަތިންދާބޯޓެއްގެ އިންޖީނުގެ ތެރެއަށް ދަމައިގަނެ، ވަގުތުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިލާންގެ ބާގަމޯ އެއާޕޯޓުގައި ވޮލޯޓިއާގެ އެއާބަސް އޭ319 މަތިންދާބޯޓެއް ފުރުމަށް ތައްޔާރުވެ ޓެކްސީކުރަމުން ދަނިކޮށެވެ. އެއާޕޯޓުގެ މުވައްޒަފު ރަންވޭއަށް ނިކުމެ، ބޯޓުގެ ކުރިމައްޗަށް އެރުމުން، އިންޖީނުގެ ތެރެއަށް ދަމައިގަތް ކަމަށާއި އެ މުވައްޒަފު ވަގުތުން މަރުވި ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ވޮލޯޓިއާއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ބޯޓުގައި 154 ފަސިންޖަރުންނާއި، ދެ ޕައިލެޓުންނާއި ހަތަރު ކެބިން ކްރޫ ހިމެނޭ ގޮތަށް ޖުމްލަ ހަ މުވައްޒަފުން ތިއްބެވެ.
މި ހާދިސާއާ ގުޅިގެން ބާގަމޯ އެއާޕޯޓުގެ އޮޕަރޭޝަންތައް ހެނދުނު 10:20 ގައި ވަނީ މުޅިން ހުއްޓާލާފައެވެ. އެއާޕޯޓުގެ ދަތުރުތައް އަލުން ފަށާފައިވަނީ މެންދުރުފަހުގެ ވަގުތެއްގައެވެ.
އެއާޕޯޓު ހިންގާ ކުންފުނި ސެކްބޯއިން މި ހާދިސާ ކަށަވަރުކޮށްދީ، މައްސަލަ ދިމާވި ސަބަބު ބެލުމަށް ތަޙުޤީޤެއް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.
ރިއެކްޓް



