ބީއެމްއެލް އިން ބައެއް ވިޔަފާރިތަކަށް "ޚާއްސަ" ޑޮލަރު ސަޕޯޓެއް؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަކި ޚާއްސަ ވިޔަފާރިތަކަކަށް އާންމު އުސޫލަށްވުރެ އިތުރަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭކަމުގެ ތުހުމަތު ކުރެވިއްޖެއެވެ.
މިކަން ހާމަވެގެން ދިޔައީ އެސްޖޭ ގްރޫޕުގެ ސީއީއޯ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އެސްޖޭ ޝިހާދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ޝިހާދުގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ބީއެމްއެލްގެ ރިލޭޝަންޝިޕް އޮފިސަރަކު އޭނާއަށް ގުޅާފައި އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ (ޓީޓީ) ހެދުމަށް 50 އިންސައްތައިގެ ޑޮލަރު އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައިވެއެވެ.
ނަމަވެސް މިއީ ބޭންކުން އާންމުކޮށް އިޢުލާންކޮށްފައިވާ މިންގަނޑަށްވުރެ މަތީ އިންސައްތައެކެވެ.
ބޭންކުން މިދިޔަ މަހުގެ 30 ވަނަ ދުވަހު އާންމުކޮށްފައިވާ މަޢުލޫމާތުތަކުގައި ބަޔާންކޮށްފައިވަނީ، ރާއްޖެއިން ބޭރުން މުދާ އެތެރެކުރާ ވިޔަފާރިތަކަށް ޑޮލަރު ޓްރާންސްފަރ ކުރުމުގައި 30 އިންސައްތައިގެ ކޮންޓްރިބިއުޝަނެއް ދޭނެ ކަމަށެވެ.
އަދި މި އެހީތެރިކަން ވެސް ދެވޭނީ 10،000 ޑޮލަރާ ހަމައަށް ކަމަށް ބޭންކުން ބުނެފައިވެއެވެ.
މި މައްސަލައިގައި ސުވާލު އުފެދިފައިވަނީ ބޭންކުން ވަކި ޚާއްސަ ވިޔަފާރިތަކަކަށް އިތުރު އިނާޔަތްތަކެއް ދޭތޯއެވެ. އަދި މިފަދަ ތަފާތުކުރުންތައް ގެންގުޅޭތޯއެވެ. ޝިހާދު އޭނާގެ ޕޯސްޓުގައި މި އެހީތެރިކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރަށް ޝުކުރު އަދާކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބީއެމްއެލްއަށް ގުޅުމުން ބުނެފައިވަނީ ބީއެމްއެލްއިން ޑޮލަރު ސަޕޯޓުގެ ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރަނީ %30 ކަމަށެވެ.
ރިއެކްޓް



