ޚަބަރު , ދުނިޔެ

އެމެރިކާގެ ދިފާޢީ ވުޒާރާގެ ނަން "ހަނގުރާމައާ ބެހޭ ވުޒާރާ" އަށް

ސެޕްޓެމްބަރު 7, 2025 - 09:32
 0
އެމެރިކާގެ ދިފާޢީ ވުޒާރާގެ ނަން "ހަނގުރާމައާ ބެހޭ ވުޒާރާ" އަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް, އެ ޤައުމުގެ ދިފާޢީ ވުޒާރާގެ ނަން "ހަނގުރާމައާ ބެހޭ ވުޒާރާ" އަށް ބަދަލުކުރުމަށް ނިންމަވަައިފިއެވެ.

މި ބަދަލާއެކު ޕެންޓަގަނުން ވަނީ ވަގުތުން ވުޒާރާގެ ނަންބޯޑުތައް ބަދަލުކޮށް، ދިފާޢީ ވަޒީރު ޕީޓް ހެގްސެތަށް ދެން މުހާތަބު ކުރެވޭނީ ހަނގުރާމައާ ބެހޭ ވަޒީރުގެ ގޮތުގައި ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.

1789 ވަނަ އަހަރު ޤާއިމުކުރެވުނު މި ވުޒާރާއަށް 1949 ވަނަ އަހަރާ ހަމައަށް ކިޔަމުން އައީ ހަނގުރާމައާ ބެހޭ ވުޒާރާއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ގެނެވުނު އިސްލާހީ ބަދަލުތަކާއެކު، އެމެރިކާއަކީ ހަމަނުޖެހުންތަކުން އެއްކިބާވެފައިވާ ޤައުމެއްގެ ގޮތުގައި ދެއްކުމުގެ މަޤްސަދުގައި، އޭރު ވުޒާރާގެ ނަން ވަނީ ދިފާޢީ ވުޒާރާގެ ނަމަށް ބަދަލުކޮށްފައެވެ.

ނަމަވެސް، ޤާނޫނީ ގޮތުން މި ބަދަލު ގެނައުމަށް ޤާނޫނުހަދާ މަޖިލީހުގެ ރުހުން ބޭނުންވާއިރު، މި ޙާލަތުގައި މަޖިލީހުގެ ރުހުން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްތޯއާމެދު ޓްރަމްޕް ވަނީ ސުވާލު އުފައްދަވާފައެވެ. ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން މިހާރު ވަނީ މި ބަދަލު ގެނައުމަށް ބިލުތައް ހުށަހަޅުއްވާފައެވެ.

ފާޑުކިޔުންތެރިން ދެކޭގޮތުގައި މި ވަގުތު ވުޒާރާގެ ނަމަށް ބަދަލު ގެނައުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެކެވެ. އަދި އެއީ މުހިންމު އެހެން ކަންކަމަށް ވުޒާރާއިން ދޭ ސަމާލުކަން ގެއްލިގެންދާނެ ކަމެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަކުރެއެވެ.

މި ބަދަލަކީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އަސްކަރީ ބާރުގެ ހައިބަތު ދެއްކެވުމަށް އަޅުއްވާ އިތުރު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0