ޚަބަރު

މީޑިއާ ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް މުހިއްމު: ނަޝީދު

އޮގަސްޓް 31, 2025 - 19:38
 0
މީޑިއާ ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް މުހިއްމު: ނަޝީދު
ރައީސް ނަޝީދު -- ފޮޓޯ: ވިރާސީ

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅޭގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް ބޭއްވުން މުހިއްމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ނަޝީދު މިފަދައިން ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޒުވާން އުމުރުގެ ގިނަ ދުވަސްތަކެއް ނޫސްވެރިކަމުގައި އުޅުއްވީ ނަޝީދު އިތުރަށް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ އިންތިހާއަށް މުހިންމު ކަމަށާއި، ނޫސްވެރިން ޒިންމާދާރުވުން ވެސް މުހިންމު ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގައި ނޫސްވެރިކަން ކުރުމަށް ވަރަށް ބޮޑަށް ހަނިކުރެވޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ މިބިލާމެދު ނުރުހުން ފާޅުކުރަމުންނެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެއްވެސް ބެލުމެއް ނެތި މި ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައި، މިހާރު ވަނީ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން މިއަދު މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާ އެކު ބައްދަލުވުންތަކެއް ބާއްވާފައިވާއިރު މި ދެމުވައްސަސާއިންވެސް ވަނީ މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް މި ބިލާ ދެކޮޅު ހަދާފައެވެ. 

މި ބިލާ ގުޅޭގޮތުން ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެފައިވަނީ ބިލު ދިރާސާކޮށްގެން އިސްލާހުތައް ގެނެވިދާނެ ކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެވިދާނެ ކަމަށެވެ. ނަމަވެސް އުޝާމުގެ މި ވާހަކަތަކާއި ނުރުހި ނޫސްވެރިން ވަނީ އެ ބައްދަލުވުމުން ނުކުމެފައެވެ.

މި ބިލާމެދު ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފައެވެ. އެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބިލުގައި ކަންބޮޑުވާ ކަންކަން ހުރި ކަމަށާއި، މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އޮތް ބިލެއް ކަމަށެވެ. އަދި މި ބިލުގެ ސަބަބުން ސަރުކާރުގެ ނުފޫޒު މީޑިއާތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވަންނާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0