ފަލާހުގެ މައްސަލަ ބެލުމަށް ފުލުހުން ޕީޖީގެ ލަފާ ހޯދަަނީ

ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މަޖިލިސް ތަޅުމުގައި ވާހަކަދައްކަވަމުން ނޫސްވެރިންނަށް ލާއިންސާނީ އަނިޔާދީ މެރުމަށް ގޮވާލި މައްސަލަ ބެލުމާމެދު ޤާނޫނީ ލަފާ ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ "ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ދިވެހި ފުލުހުންގެ ޚިދުމަތުން 2025 އޮގަސްޓު 28 ވަނަ ދުވަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ހުށަހަޅާފައެވެ." މިފަދައިންނެވް.
ބެލެވޭ ގޮތުގައި ފުލުހުން ޕީޖީގެ ލަފާއަކަށް އެދި ހުށަހަޅާފައިވަނީ ފަލާހުއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެފައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޤާނޫނު އަސާސީން އިމްތިޔާޒުތަކެއް ދީފައިވާތީއާއި ފަލާހު މިމަހުގެ 27 ވަނަ ދުވަހު ބޭއްވުނު ޖަލްސާގައި ދެއްކި ވާހަކަތަކަކީ ޤާނޫނު އަސާސީގައި ބުނާ އިމްތިޔާޒު ލިބިގެންވާ ވާހަކަތަކެއްތޯ ޤާނޫނީ ނަޒަރަކުން ބެލުމެވެ.
ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ:
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެއެވެ
ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ފަލާހު ވިދާޅުވީ "ނޫސްވެރިންނާއި މީޑިއާތައް ޖަލަށް ލާންވީ ނޫންކަމަށާއި "އުލު ބައިންދަންވީ" ކަމުގައި" އެވެ.
ފަލާހު މިފަދައިން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފަަލާހު ވިދާޅުވި ވާހަކައާއި ގުޅޭގޮތުން ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ ފަލަހު ދެއްކި ވާހަކައަކީ ޤާނޫނު އަސާސީ އާއި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ވާހަކައެއް ކަމަށް ޤާނޫނީ ނަޒަރުން ބެލޭނެ ކަމަށް ބުނެފައެވެ.
"އުލު ބޭންދުމަކީ" ކުރީ ޒަމާނުގައި ބޮޑެތި ކުށްތައް ސާބިތުވެ މަރަން ހުކުމް ކުރެވޭ މީހުން މެރުމަށް ހަދާ ގޮތެކެވެ. މި ގޮތަށް މީހުން މެރުމަކީ މިހާރު ދުނިޔޭގެ އެއްވެސް ޤައުމެއްގައި ޢަމަލުކުރާ ގޮތެއް ނޫނެވެ. އަދި އިންސާނީ ހައްޤުތަކާއި ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުންވެސް ވަނީ މިއީ "ލާއިންސާނީ އަނިޔާއެއް" ކަމަށް ނިންމާފައެވެ.
ފަލާހުގެ މައްސަލަ ބަލާނެކަމަށް "ނުސީދާ ގޮތަކަށް" ރައީސް މުޢިއްޒު ވެސް ވަނީ އިއްޔެ ވިދާޅުވެފައެވެ. އޮފީސް ގަޑި ނިންމަވައި މުލިއާގެއަށް ވަޑައިގަންނަވަނިކޮށް ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ "އެކަން ބަލާނަން" މިފަދައިންނެވެ.
ރިއެކްޓް



