ޚަބަރު

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ނައިބު ރައީސްކަމަށް ރާއްޖެ ހޮވިއްޖެ

އޮގަސްޓް 26, 2025 - 10:10
 0
އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ނައިބު ރައީސްކަމަށް ރާއްޖެ ހޮވިއްޖެ

އދ ގެ ހިއުމަން ރައިޓްސް ކައުންސިލް (ޔޫ.އެން.އެޗް.އާރް.ސީ)ގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް މިއަހަރުގެ ބާކީ އޮތް މުއްދަތަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ.

މި މަޤާމާ އެކު، އޭޝިއާ-ޕެސިފިކް ގްރޫޕުގެ މަސްއޫލިއްޔަތުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަދާކުރާނީ ދިވެހިރާއްޖެއިންނެވެ.

މި އިންތިޚާބާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް މަރުހަބާ ވިދާޅުވެފައެވެ. ރައިސްގެ ޕޯސްޓުގައި ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާ ގުޅުންހުރި ކަންކަމުގައި، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ މައްސަލަތަކުގައި ހަރުދަނާ ގޮތެއްގައި އަޑުއުފުލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ދިގު ތާރީޚެއް އޮތް ޤައުމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މިއީ ރާއްޖެއަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ. އަދި އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ޙަރަކާތްތެރި މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން ވެފައިވާ ހަރުދަނާ ވަޢުދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޢަދުލުއިންޞާފާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމާތުގެ އުޞޫލުތައް ނެގެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ރައްކާތެރިކުރުމަށް މަސައްކަތްކުރާ އދ. ގެ އެންމެ މުހިންމު އެއް މުއައްސަސާއެވެ. މި ކައުންސިލްގެ ނައިބު ރައީސްކަމަށް ރާއްޖެ އިންތިޚާބުވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0