އަމިއްލަ ދަތުރަކަށް ދައުލަތުގެ ފައިސާ ބޭނުންކުރި ކަމުގެ ތުހުމަތުގައި ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިސް އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެއްވި ގޮތުގައި ރަނިލް ހައްޔަރުކޮށްފައިވަނީ ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައެވެ.
ފުލުހުންގެ އިސް އޮފިޝަލް ހާމަކުރެއްވި ގޮތުގައި ރަނިލް ހައްޔަރުކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީއެއްގައި އަނބިކަނބަލުންނަށް ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ލަންޑަނަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ސުވާލުކުރެއްވުމަށް ފަހުގައެވެ. ލަންކާގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި މި ދަތުރަކީ އަމިއްލަފުޅު ބޭނުމެއްގައި ކުރެއްވި ދަތުރެއް ނަމަވެސް، ދައުލަތުގެ ފައިސާ ބޭނުންކުރައްވާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
މި މައްސަލަ ތަހުގީގުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މި ދަތުރުފުޅަކީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެއް ނޫނެވެ. ނަމަވެސް ސަރުކާރުގެ ވަސީލަތްތަކުން ހަރަދުކޮށްގެން ކުރައްވާފައިވާ ދަތުރެއް ކަމަށް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މި މަހުގެ ކުރީކޮޅު ކުރީގެ ޕްރެޒިޑެންޝަލް ސެކްރެޓަރީ ސަމަން އެކަނަޔަކަ އާއި ކުރީގެ ޕްރައިވެޓް ސެކްރެޓަރީ ސަންޑްރާ ޕެރޭރާއާވެސް ވަނީ ސުވާލުކޮށްފައެވެ. މި ދެ ބޭފުޅުންނަކީ ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސެވުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންނެވެ.
2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ސްރީލަންކާގެ ރައީސްކަން ކުރެއްވި ރަނިލްގެ މި ހައްޔަރުކުރުމަކީ ފާއިތުވި އަހަރުތަކުގައި އެ ގައުމުން ހައްޔަރުކުރި އެންމެ މަތީ ފަންތީގެ ސިޔާސީ ލީޑަރެވެ.
ރިއެކްޓް



