ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ފަރުމާކޮށްފައިވާ ބިލު އަނެއްކާވެސް މަޖިލީހަށް

އޮގަސްޓް 19, 2025 - 08:40
އޮގަސްޓް 19, 2025 - 08:36
 0
ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ފަރުމާކޮށްފައިވާ ބިލު އަނެއްކާވެސް މަޖިލީހަށް
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައީސްއޮފީސް

މީޑިއާތަކާއި ނޫސް މަޖައްލާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސް ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް ފަރުމާކޮށްފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ގެ ބިލު އަނެއްކާވެސް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާ ބިލެކެވެ. ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެއްކޮށް ގެއްލިގެންދާނެ ފަދަ މާއްދާތައް އެކުލެވޭ މި ބިލު ފަރުމާކޮށް މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމަށް މީޑިއާތަކުން މަޢުލޫމާތު ދެއެވެ.

ކޮމިޝަނުގެ ރައީސް އަދި 3 މެންބަރުން އައްޔަން ކުރުމުގެ ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަަށް

މި ބިލު ފަރުމާކޮށްފައިވަނީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް ދޫކޮށްލައި، މީޑިއާތަކަށް ސަރުކާރުގެ ނުފޫޒު ފުޅާ ދާއިރާއެއްގައި ފޯރުވޭނެ ގޮތަކަށެވެ. މިގޮތުން ކޮމިޝަނުގެ 7 މެންބަރުންގެ ތެރެއިން 3 މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައި ވުމާއި ކޮމިޝަނުގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވުން ފާހަގަކުރެވެއެވެ.

ކޮމިޝަނުގެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދީފައިވޭ

ކޮމިޝަނުގެ ބާކީ ތިބި 4 މެންބަރުން ހޮވުމަށް މި ބިލުގައި ކަނޑައަޅާފައިވަނީ މީޑިއާތަކުގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. ނަމަވެސް ކޮމިޝަނުގެ 7 މެންބަރުން ވެސް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް އޮތުމަކީ މި ކޮމިޝަން އަދި ނޫސްވެރިކަމަށް ސަރުކާރުގެ ނުފޫޒު ފޯރުވުމަށް ހުޅުވާލެވިފައިވާ މަގެކެވެ.

ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި މީޑިއާތަކާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ނިމުމުގެ ކުރިން އެ މީޑިއާތައް ބަންދުކޮށް، ޖޫރިމަނާކުރުމާއި އަދި ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދީ ޖޫރިމަނާކުރުން ހިމެނެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ރައީސްގެ ވަޢުދުފުޅެއް

ނުފޫޒުން އެއްކިބާ އަދި މީޑިއާތަކުގެ މެދުގައި އަމިއްލައަށް އުސޫލުތައް ކަނޑައަޅައި ރެގިއުލޭޓްކުރާ ގޮތަށް އޮންނަ ބާރުވެރި ސެލްފް ރެގިއުލޭޓަރީ އިދާރާއެއް ހިމެނޭ ނިޒާމެއް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0