ހުޅުމާލޭގައި އިމާރާތް ކުރެވުނު ކްރިމިނަލް ކޯޓުގެ އައު އިމާރާތް ހުޅުވައިފި

ހުޅުމާލޭގައި އަލަށް އިމާރާތްކުރެވުނު ކްރިމިނަލް ކޯޓު އަދި ޑްރަގް ކޯޓު އިމާރާތް މިއަދު ހުޅުވައިފިއެވެ..
މި އިމާރާތް ހުޅުވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލާ ކައިރީގައި ހުންނަ މި އިމާރާތަކީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޚާއްސަކުރެވިފައިވާ އިމާރާތެކެވެ.
މި އިމާރާތް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވާ އާދީއްތަ ދުވަހުއެވެ. އައު އިމާރާތަށް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އެންމެހާ މަސައްކަތްތައް ބަދަލުކުރެވޭނެއެވެ. މީގެ ތެރޭގައި ކްރިމިނަލް ކޯޓަށް 10 ކޯޓު ރޫމާއި، ޑްރަގް ކޯޓަށް 5 ކޯޓު ރޫމް ހިމެނެއެވެ.
އިސް އޮފިޝަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އައު އިމާރާތުގައި ޝަރީޢަތްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް އަވަސްވެގެންދާނެއެވެ. މާފަންނުގައި ހުރި ކުރީގެ ކްރިމިނަލް ކޯޓު އިމާރާތްތަކަކީ ރައްކާތެރިކަން ކުޑަ އަދި ފެންބޮޑުވުމުގެ މައްސަލަ ދިމާވަމުންދިޔަ އިމާރާތްތަކެކެވެ.
2019 ވަނަ އަހަރުން ފެށިގެން ކޯޓުގެ އެކި ބައިތައް މާލެ އާއި ހުޅުމާލޭގެ ވަގުތީ އިމާރާތްތަކުގައި މަސައްކަތް ކުރަމުން އައިސްފައިވެއެވެ. އައު އިމާރާތް ހުޅުވުމާއެކު މި ހުރިހާ މަސައްކަތެއް އެއް ތަނަކުން ކުރިއަށް ގެންދެވޭނެއެވެ.
މި އިމާރާތް ހުޅުވުމާއެކު ޝަރުޢީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ރިއެކްޓް



