މޯދީ ސިޔާސީ ޕާޓީތަކާއި ބައްދަލުކުރެއްވުމުގައި އެމްޑީޕީއަށް ވަކި ބައްދަލުވުމެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކާ ބައްދަލުކުރެއްވުމުގައި އެމްޑީޕީއާ ވަކިން ބައްދަލުކުރައްވާފައިވާ އިރު، އެހެން ހުރިހާ ޕާޓީތަކާ ބައްދަލުކުރެއްވީ އެއްކޮށްލައިގެންނެވެ.
އެމްޑީޕީއާއެކު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެހެން ސިޔާސީ ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމުގައި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު އާއި އައްބާސް އާދިލް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަމީން އިބްރާހިމް، އަދި އެމްއެންޕީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "ދިވެހިރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއެކު މުހިންމު ބައްދަލުވުމެއް ބޭއްވިއްޖެ. ސިޔާސީ ދާއިރާގެ ހުރިހާ ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާ-ދިވެހިރާއްޖެ ގުޅުމުގެ ވަރުގަދަކަމާއި ދެމިގެންވާ ރަހުމަތްތެރިކަމަށް ލިބޭ ދެ ފަރާތުގެ ތާއީދު ފާހަގަކޮށްދޭ ކަމެއް. އަޅުގަނޑުމެންގެ މުހިންމު ޕާޓްނަޝިޕް މި ދަނީ މިފަދަ ބައިވެރި އަގުތަކުން މަގުދައްކަމުން" ކަމަށެވެ.
މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މަޝްވަރާތައް ކުރެވުނު ކަމަށް ވެއެވެ.
ރިއެކްޓް



