ޚަބަރު

ރާއްޖެއިން ކީ ހޫނު މަރުހަބާއަށް މޯދީ ޝުކުރު ދެންނެވީ ދިވެހިބަހުން

ޖުލައި 25, 2025 - 15:15
 0
ރާއްޖެއިން ކީ ހޫނު މަރުހަބާއަށް މޯދީ ޝުކުރު ދެންނެވީ ދިވެހިބަހުން
މޯދީއަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓުގައި ބޭއްވުނު ހަރަކާތްތަކުގެ ތެރެއިން. މި ހަރަކާތުގައި މޯދީ ވަނީ ކުޑަކުދިންގެ ތެރެއަށް ވަޑައިގެން އެމަނިކުފާނަށް ކީ މަރުހަބާއަށް ޝުކުރު ދަންނަވާފަ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއިން ދެއްވި މަރުހަބާއަށް ދިވެހިބަހުން ޝުކުރު ދަންނަވައިފި އެވެ.

ސޯޝަލްމީޑިއާގައި 108 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި މޯދީ، ރާއްޖެ ވަޑައިގަތުމާ ގުޅިގެން ދިވެހިބަހުން ދެ މެސެޖެއް ޕޯސްޓް ކުރެއްވި އެވެ.

"މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން. އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަޤީން،" މިހެން ވިދާޅުވެ އެމަނިކުފާނު ފުރަތަމަ މެސެޖް ކުރެއްވި އެވެ.

ދެވަނަ މެސެޖްގައި މޯދީ އަލިއަޅުވާލެއްވީ ރާއްޖޭގައި ދިރިއުޅުއްވާ އިންޑިއާ ރައްޔިތުންގެ މައްޗަށެވެ. ވީއައިއޭއިން ލޯންޗުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް އެތަނުގައި ތިބި އިންޑިއާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، އެ ބައްދަލުކުރެއްވުމުގެ ފޮޓޯތަކާއެކު ކުރެއްވި މެސެޖްގައި ވިދާޅުވެފައިވަނީ;

"މި ދަތުރުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކުރެވުނީތީ އުފާވެއްޖެ. ދެއްވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރަން" މިފަދައިންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ.

އިންޑިއާގެ ބޮޑުވަޒީރަށް ރިޔާސީ ކުރުނީހާއެކު ރަސްމީކޮށް މަރުހަބާ ކިޔާފައިވަނީ މިއަދު މެންދުރުފަހު ޖުމްހޫރީ މައިދާނުގައެވެ.

އެ ރަސްމިއްޔާތަށްފަހު މޯދީ ވަޑައިގެންނެވީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ރަސްމީ މަޝްވަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0