ދުނިޔެ

ބޯޑަރުގެ މައްސަލަ ހޫނުވެ ތައިލެންޑާއި ކެމްބޯޑިއާއިން ހަނގުރާމަ ފަށައިފި

ޖުލައި 24, 2025 - 14:41
 0
ބޯޑަރުގެ މައްސަލަ ހޫނުވެ ތައިލެންޑާއި ކެމްބޯޑިއާއިން ހަނގުރާމަ ފަށައިފި
ފޮޓޯ: ސީއެންއޭ

ތައިލޭންޑާއި ކެމްބޯޑިއާއި ދެމެދު ޖެހިފައިވާ ބޯޑަރުގެ މައްސަލަ ހޫނުވެ، ދެ ޤައުމުން ހަނގުރާމަ ފަށައިފިއެވެ.

މިގޮތުން ތައިލޭންޑުން ކެމްބޯޑިއާއަށް ބޮން އަޅަން ފަށާފައިވާ ކަމަށާއި ރޭ ފަތިހުގެ ވަގުތެއްގައި ދިން ހަމަލާތަކުގައި ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެގައުމުގެ ބޯޑަރު މައްސަލައިގައި ތައިލޭންޑުން ވަނީ އެފް-16 މަރުކާގެ ޖެޓުން ކެމްބޯޑިއާގެ އަސްކަރީ އަމާޒުތަކަކަށް ހަމަލާދީ ހަލާކުކޮށްލާފައެވެ.

މި ހަނގުރާމަ ފެށުނީ ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް މައްސަލަތަކެއް ހިނގަމުންދަނިކޮށެވެ. ކެމްބޯޑިއާގެ ކުރީގެ ސިޔާސީ ލީޑަރެއް ކަމަށްވާ ހަން ސެންއާ ގުޅައި ދެއްކި ވާހަކަތަކުގެ ސަބަބުން ތައިލޭންޑުގެ ބޮޑުވަޒީރު، ޕެޓޮންގްޓާން ޝިނާވަތްރާ ވަނީ މިމަހުގެ 1 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައެވެ.

މި ހާލަތާ ގުޅިގެން ޗައިނާއިން ވަނީ އެގައުމުގެ ރައްޔިތުންނަށް ބޯޑަރު ކައިރީ ސަރަހައްދުތަކަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ދެގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިތުރު ގެއްލުންތަކެއް ލިބިދާނެކަމުގެ ބިރު ފާޅުކޮށްފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0