ރައީސް މުއިއްޒު ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުއިއްޒު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ލަންޑަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރައީސް މުއިއްޒު ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި އެއް ލަނޑުދަނޑިތައް ކުރިއެރުވުމުގައި ރާއްޖޭގެ ދައުރު ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ 2040 ވަނަ އަހަރާ ހަމައަށް ކުރިއަރާފައިވާ ގައުމުތަކާއި އެއްހަމަ ކުރުމުގެ ގައުމީ ތަސައްވުރު ތަފްސީލުކޮށް ހިއްސާކުރައްވާފައެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރެއްވުމަށް ކޮމަންވެލްތާއި ގުޅިގެން ކުރިއަށްގެންދަވާ މަސައްކަތްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެއިތުރުން، ދެ ފަރާތުން ވަނީ ޑިމޮކްރަސީއާއި ހެޔޮވެރިކަމާއި، ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ އިތުރުން މަސްވެރިކަމާއި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާ ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމަކީ ރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ރިއެކްޓް



