ޕެންޝަން ފައިސާ ޖަމާނުކުރާތީ ވެމްކޯ މުވައްޒަފުން އިހުތިޖާޖުކޮށްފި
ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާތާ 19 މަސް ވެފައިވާތީ، ގދ. ތިނަދޫ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުން މިއަދު އިހުތިޖާޖުކޮށްފިއެވެ. މި އިހުތިޖާޖަކީ ޕެންޝަން ފައިސާ ނުލިބި ދިގުލައިގެން ދިއުމާ ގުޅިގެން އެކަމަށް އެދެވޭ ހައްލެއް ހޯދުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އިހުތިޖާޖުގައި ބައިވެރިވި މުވައްޒަފަކު މައުލޫމާތު ދިން ގޮތުގައި، ޕެންޝަން ފައިސާ ޖަމާކޮށްދިނުމަށް އެދި ވެމްކޯގެ ހެޑް އޮފީހުގައި ތަކުރާރުކޮށް ދެންނެވުމުން ލިބޭ ޖަވާބަކީ މާލެ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބުމުން އެކަން ހަމަޖެހޭނެ ކަމަށެވެ. "ޕެންޝަން ފައިސާ ޖަމާކުރަން ވެމްކޯގެ ހެޑް އޮފީހަށް ގުޅުމުން ކޮންމެ ފަހަރަކު ދޭ ޖަވާބަކީ މާލެ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ލިބެންޖެހޭ 60 މިލިއަން ރުފިޔާ ދިނުމުން ޕެންޝަން ފައިސާ ޖަމާކުރާނެ ކަމަށް،" އޭނާ ބުންޏެވެ.
ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވެމްކޯއިން އެންމެ ފަހުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ އޮކްޓޯބަރު 16، 2024 ގައެވެ. އޭގެ ފަހުން އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނުވި ނަމަވެސް، ކޮންމެ މަހަކު މުވައްޒަފުންގެ މުސާރައިން ޕެންޝަނަށްވާ ފައިސާ އުނިކުރަމުންދާ ކަމަށް މުވައްޒަފުން ބުނެއެވެ. މި މައުލޫމާތުތައް ފެންމަތިވެފައިވަނީ އާރުޓީއައި އެކްޓިވިސްޓް އަފްރަހު އިސްމާއިލް ހުށަހެޅި ސުވާލަކަށް ޕެންޝަން އޮފީހުން ދިން ޖަވާބަކުންނެވެ.
ވެމްކޯއިން މިދިޔަ ޖެނުއަރީ މަހު ވަނީ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާކަމަށް އެއްބަސްވެފައެވެ. އެ ކުންފުނިން ބުނެފައިވަނީ ފައިސާ ޖަމާނުކުރެވެނީ ކުންފުންޏަށް އެކި ފަރާތްތަކުން ލިބެންޖެހޭ ފައިސާ ނުލިބި ހުރުމުގެ ސަބަބުން ކަމަށެވެ. ވެމްކޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ގެންގުޅޭ އެއް ކުންފުނިކަން ފާހަގަކޮށްލެވެއެވެ.
ޕެންޝަނާ ބެހޭ ގާނޫނު ބުނާގޮތުން، ކޮންމެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓު މުސާރައިން އުނިކުރަންޖެހޭއިރު، ވަޒީފާ ދޭ ފަރާތުން ވެސް ހަމަ އެ އަދަދަށްވާ ފައިސާ ޕެންޝަން ފަންޑަށް ދައްކަން ލާޒިމުވެއެވެ. ވެމްކޯއަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެން 2023 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދުގެ ކުނި ބިލު ވަނީ ކަރަންޓު ބިލާ އެއްކޮށްލާފައެވެ.






ރިއެކްޓް