ޚަބަރު

ބޮޑު އީދު ބަންދަށް 2 ދުވަސް އިތުރުކުރަން ރައީސް ނިންމަވައިފި

13 މޭ 2026 - 17:04
ބޮޑު އީދު ބަންދަށް 2 ދުވަސް އިތުރުކުރަން ރައީސް ނިންމަވައިފި

2026 ވަނަ އަހަރުގެ ބޮޑު އީދު ބަންދާ ގުޅިގެން، މޭ މަހުގެ 24 އަދި 25 ވާ އާދީއްތަ އާއި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، 2026 ވަނަ އަހަރުގެ އަޟްޙާ އީދު ބަންދަށް މުވައްޒަފުންނަށް މެދުނުކެނޑި ޖުމްލަ އެއް ހަފުތާގެ ބަންދެއް ލިބިގެންދާނެއެވެ. މިއީ އީދު ބަންދާ ގުޅިގެން އާއިލާތަކާއެކު އުފާވެރި ވަގުތު ހޭދަކުރުމަށް ރައްޔިތުންނަށް ލިބޭ ބޮޑު ފުރުސަތެކެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.

ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ 2026 މޭ 31 ވާ އާދީއްތަ ދުވަހުއެވެ.

މި ނިންމެވުމުގެ ސަބަބުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށާއި އާއިލީ ބައްދަލުވުންތަކަށް ބޭނުންވާ އެކަށީގެންވާ ވަގުތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0