ޚަބަރު , ސިޔާސީ

ބޭނުންވަނީ ތަހުގީގުގައި ހުރިހާ ވާހަކަތަކެއް ކިޔައިދޭން: އީޝާ

5 މޭ 2026 - 23:44
ބޭނުންވަނީ ތަހުގީގުގައި ހުރިހާ ވާހަކަތަކެއް ކިޔައިދޭން: އީޝާ

"އަދަދު" އިން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ތުހުމަތު ކުރެވޭ، ރައީސް އޮފީހުގެ ކުރީގެ އިސް އޮފިޝަލް އައިޝަތު އީޝާ އަޝްރަފް، ތަހުގީގަށް ހުރިހާ ތަފްސީލެއް ކިޔައިދޭން ބޭނުންވާކަން އޭނާގެ ފަރާތުން މިރޭ ހާމަކޮށްފިއެވެ.

މި މައްސަލައިގައި ސުވާލުކުރުމަށް އީޝާ މިރޭ 21:00 ހާއިރު ހުޅުމާލޭ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ވަނީ ހާޒިރުކޮށްފައެވެ.

ފުލުހުން އީޝާއަށް ފޮނުވި ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމުގެ ތުހުމަތެވެ. އީޝާގެ ގާނޫނީ ވަކީލު، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އީޝާ ނިންމާފައިވަނީ ތަހުގީގަށް ބަޔާން ދިނުމަށް ކަމަށާއި، އެއަށްފަހު މީޑިއާތަކަށް ވެސް ތަފްސީލުތައް ހިއްސާކުރާނެ ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އީޝާއަކީ މި މައްސަލައިގައި ވިކްޓިމްއެކެވެ.

"ވަޒީފާގެ މާހައުލުމުގައި މިކަންކަން ވުމަކީ ވަރަށް އާއްމުކަމެއް. އަޅުގަނޑުމެން ބޭނުންވަނީ މިކަހަލަ ކަންތައްތައް ހުއްޓެން. މިއީ އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަންތައްތަކެއް ނޫން. އެހެން މީހުންނަށް ވެސް އެނގެންވީ މިކަހަލަ ސަކަރާތް ނުޖަހަން!" ޝަމީމް ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި އީޝާ ވިކްޓިމްއަކަށް ވީ ގޮތުގެ ހުރިހާ ތަފްސީލެއް ހާމަކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޓީމުގައި ހިމެނޭ ވަކީލު މުޙައްމަދު ފަރީދު ވިދާޅުވީ، ޑޮކިއުމެންޓްރީގައި ވާހަކަދައްކާ އަންހެން މީހާއަކީ އީޝާކަން އެނގޭނެ ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ މިންވަރަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު، އީޝާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓު ވަނީ ތިން މަސްދުވަހަށް ހިފަހައްޓާފައެވެ.

މީގެ އިތުރުން، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށް، ނޫސްވެރިކަމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ކޮމްޕިއުޓަރު ސިސްޓަމްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީޑިއާއެއްގެ އޮފީހަށް ފުލުހުން ވަދެ މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0