ޚަބަރު

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނު އެތެރެކުރަން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

3 މޭ 2026 - 10:40
މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނު އެތެރެކުރަން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާ ތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، މާސް، މުޙައްމަދު ޝަހީރު (28އ) އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޝަހީރު ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލުގެ ގޭޓު ކައިރިންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަނާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާގެ އަތުން ފެނުނު ތަކެތީގެ ތެރޭގައި 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، 29 ޖޮއިންޓްހިމެނެއެވެ. މީގެ އިތުރުން އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ބައެއް ތަކެތި ވެސް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0