ރާއްޖޭގައި ހުރި މީހެއްގެ ބޭންކު ކާޑު ބޭރުގައި ބޭނުން ނުކުރެވޭނެ ގޮތް ހަދައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތައް، އެ ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުންނަ ވަގުތުތަކުގައި ރާއްޖޭން ބޭރުގެ އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ބަދަލު ގެނައުމަށް އެ ބޭންކުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ނިންމުމަކީ ބޭރު ފައިސާ ބޭނުންކުރެވޭ ލިމިޓުގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
މި އައު ނިޒާމު ގާއިމްކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންއާ އެކު ބޭންކުން ގާއިމްކުރި ޑިޖިޓަލް އިންޓަގްރޭޝަންއެއްގެ ދަށުންނެވެ. މީގެ ސަބަބުން، ކާޑުގެ ފޮރިން ސްޕެންޑިން ލިމިޓް އެކްޓިވް ވާނީ ހަމައެކަނި އެ މީހަކު ރާއްޖޭން ބޭރުގައި ހުންނަ ވަގުތުތަކުގައެވެ. "އޭގެ މާނައަކީ ރާއްޖޭގައި އެބޭފުޅަކު ހުންނަވާއިރަކު ރާއްޖޭން ބޭރުގައި ހުރި އޭޓީއެމްއަކުން، ޕީއޯއެސްއަކުން ބޭނުމެއް ނުކުރެވޭނެއޭ. އެހެން ބަޔަކު ކާޑު ގެންގޮސްގެން ބޭނުމެއް ނުކުރެވޭނެ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޑޮލަރުގެ ނެޓް އިންފްލޯއާ އަޅާބަލާއިރު މިއަހަރުގެ ފާއިތުވި 4 މަސް ތެރޭގައި 100 މިލިއަން ޑޮލަރުގެ މަދުވުމެއް އުޅޭ ކަމަށެވެ. އެހެންކަމުން، ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް އެންމެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި ބޭންކުން ވަނީ ބައެއް ކަންކަން ތަރުތީބުކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް 1,200 ޑޮލަރާ ހަމައަށް ކާޑު ލިމިޓެއް ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން، 18 އަހަރު ނުފުރޭ ކުދިން ރާއްޖޭން ބޭރުގައި ތިބޭއިރު ބެލެނިވެރިޔާގެ ކާޑު ބޭނުންކުރުމުގައި ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ބީއެމްއެލް އިން ވަނީ ހާއްސަ "ސްޓޫޑެންޓު ކާޑު" އެއް ތައާރަފްކުރަން ނިންމާފައެވެ. މިއީ ބެލެނިވެރިޔާ ރާއްޖޭގައި ހުރި ނަމަވެސް ބޭރުގައި ހުންނަ ދަރިވަރަށް ފައިސާ ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމަށް ކުރާ ކަމެކެވެ.
ވިޔަފާރި ބޭނުންތަކަށް ރުފިޔާ ކާޑު ބޭނުންކޮށްގެން ބޭރުގެ ވެބްސައިޓުތަކުން ކުރާ މުއާމަލާތްތައް ކޮންޓްރޯލް ކުރުމަށް ވެސް ބޭންކުން ވަނީ ނިންމާފައެވެ. އެގޮތުން، ޓީމޫ އަދި ޝީއިން ފަދަ ވެބްސައިޓުތަކުން ވިޔަފާރި ކުރުމަށް ކޮންމެ ދުވަހަކަށް ވަކި ބަޖެޓެއް ކަނޑައަޅާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.






ރިއެކްޓް