ބޭރުގެ ވެބްސައިޓުތަކުން ވިޔަފާރި ކުރެވޭ ވަރު ލިމިޓު ކުރަނީ
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބޭރުގެ ބައެއް ވެބްސައިޓުތަކުން ވިޔަފާރިކުރެވޭ މިންވަރު ލިމިޓު ކުރަން އެ ބޭންކުން ނިންމާފިއެވެ.
މި ބަދަލާއެކު އީކޮމާސް ޕްލެޓްފޯމްތަކުގައި ކޮންމެ ކަސްޓަމަރަކަށް މަހަކު ކުރެވޭނެ ޓްރާންސެކްޝަންގެ އަދަދު 30 އަށް ވަނީ ކަނޑައަޅާފައެވެ.
ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ކާޑު ބައެއް ފަރާތްތަކުން ވަރަށް ގިނަ އަދަދަކަށް ވިޔަފާރީގެ ބޭނުމަށް ބައެއް އޮންލައިން ވެބްސައިޓުތަކުން ބޭނުންކުރާ ކަމަށެވެ. މިގޮތުން ކޮންޓްރޯލު ކުރާ ވެބްސައިޓުތަކުގެ ތެރޭގައި ޝީއިން (Shein) އަދި ޓީމޫ (Temu) ފަދަ މަގުބޫލު ވެބްސައިޓުތައް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ އީކޮމާސްއަށް ކަނޑައަޅާ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށްޓަކައި، ކޮންމެ ދުވަހަކަށް ވަކި ބަޖެޓެއް ކަނޑައަޅާނެ ކަމަށެވެ. "...ކުރިން މިދެންނެވި ފަދަ މަދު ސައިޓުތަކުން ވިޔަފާރިތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުން. އޯޕަންކޮށް އެއްވެސް ލިމިޓެއް ނެތި އޮންނާނިއްޔެއް ނޫނޭ،" ޝަރީފް ވިދާޅުވިއެވެ.
ބޭންކުން ހާމަކުރި ގޮތުގައި އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަނަށް ވުރެ އިތުރަށް ބޭނުންކުރަނީ ކަސްޓަމަރުންގެ އެންމެ 3 އިންސައްތައަށް ވުރެ ވެސް މަދު އަދަދެއްގެ މީހުންނެވެ. އެހެންކަމުން މި ބަދަލުގެ ސަބަބުން ގިނަ ކަސްޓަމަރުންނަށް މާ ބޮޑު ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް ބޭންކުން ލަފާކުރެއެވެ.
މީގެ އިތުރުން، މި ނިންމުމަކީ ހަމައެކަނި ރުފިޔާ ކާޑުތަކަށް އަންނަ ބަދަލެއް ކަމަށާއި، ޑޮލަރު ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މީގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ކަށަވަރުކޮށްދީފައެވެ.






ރިއެކްޓް