ފައިސާ ވެސް ހޯދޭނެ، އިންތިހާބު ލަސްކުރުމާ ދެކޮޅު: ފައްޔާޒު
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ލަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އިންތިހާބު ބޭއްވުމަށް ބޭނުންވާ ފައިސާ ވެސް ހޯދޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ އިންތިހާބު ލަސްކުރުމާ ގުޅޭގޮތުން ޕާޓީގެ ތެރޭގައި ބަހުސްތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ އިންތިހާބު ލަސްކުރުމުގެ ބަދަލުގައި އިންތިހާބު އަވަސްކުރަން ޖެހޭ ކަމަށެވެ.
ފައްޔާޒްގެ އިތުރުން، އެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ މީކާއީލް އަހުމަދު ނަސީމް ވެސް ވަނީ އިންތިހާބު ފަސްކުރަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން އިންތިހާބު ލަސްކުރުމާ ދެކޮޅަށް ވާހަކަދައްކަވަން މި ފެއްޓެވީ، ޕާޓީގެ ވަގުތީ ޗެއާޕާސަން ޣަފޫރު މިރޭ ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެންނެވެ.
ޣަފޫރު ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީއަށް ފަހު ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިމާޔަތްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މެދުނުކަނޑާ ކުރިއަށް ގެންދިއުމަށްޓަކައެވެ.
ޣަފޫރު ވިދާޅުވީ، "ސީޕީ އިންތިހާބާއި ދާއިރާގެ އިންތިހާބާ ބެހޭ ގޮތުން އަޅުގަނޑަށް ފެންނަ ގޮތަކީ ރިޔާސީ ޕްރައިމަރީ އަށް ފަހު ބޭއްވުމަށް. މި ދެ އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެ،" ކަމަށެވެ.
މީގެ އިތުރުން ޣަފޫރު ވަނީ ޕާޓީ ހިންގުމަށްޓަކައި އިސް ފަރާތްތަކުން ވާހަކަދައްކައިގެން 'އިންޓަރީމް އެރޭންޖްމަންޓެއް' (އޭނާ ނުހިމެނޭ ގޮތަށް) އެކުލަވާލުމަށް ހުށަހަޅުއްވާފަ އެވެ. އަދި އެކަން ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް ފައްޔާޒް ފަދަ އިސް ބޭފުޅުންގެ ރޫހު ހުރީ އިންތިހާބު ލަސްނުކޮށް ކުރިއަށް ގެންދިއުމަށެވެ.






ރިއެކްޓް