ޚަބަރު , ސިޔާސީ

ނަޝީދުގެ ކެމްޕެއިންގައި ބައިވެރިވާތީ އިބުރޭއަށް ފިޔަވަޅު އެޅުމަށް މީކާއިލް އެދިއްޖެ

26 އޭޕްރީލް 2026 - 16:55
ނަޝީދުގެ ކެމްޕެއިންގައި ބައިވެރިވާތީ އިބުރޭއަށް ފިޔަވަޅު އެޅުމަށް މީކާއިލް އެދިއްޖެ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕެއިންގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު  އިބްރާހީމް ވަހީދު (އިބުރޭ) ބައިވެރިވެވަޑައިގަންނަވާތީ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ވާދަވެރި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައި މީކާއީލް ވިދާޅުވީ، ނަޝީދުގެ ކެމްޕެއިންގައި އިބުރޭ އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާ އިން ފެންނަ ފޮޓޯ އާއި ވީޑިއޯތަކުން އެކަން ކަށަވަރުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީކާއީލްގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ޕާޓީއަށް މެންބަރުން އިތުރުކުރުމާއި ކެމްޕެއިންތައް ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ވާތީ، އެތެރޭގެ އިންތިހާބުތަކުގައި އޭނާ ހުންނަވަން ޖެހޭނީ ވަކިއަތަކަށް ޖެހިވަޑައިނުގެންނެވެ. މިއީ އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރާ އާއްމު މެންބަރުންގެ ހައްގުތަކަށް އަރައިގަނެވި، އެ މެންބަރުންނަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބަކީ އިބުރޭގެ ބެއްލެވުމުގެ ދަށުން ހިންގާ އިންތިހާބަކަށް ވާތީ، އޭނާ ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އުޅުއްވުމަކީ އިންތިހާބުގެ އިންސާފުވެރިކަމާ މެދު އާއްމު މެންބަރުން ސުވާލު އުފައްދާ ކަމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އޭނާ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީވެސް މިފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

ސިޓީ ނިންމަވާލައްވަމުން މީކާއިލް ވަނީ މި މައްސަލަ ވީހާވެސް އަވަހަކަށް ބަލައި، އިބުރޭއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0