ޚަބަރު

ޑޮލަރުގެ އަގު ދަށަށް ނުދަނީ ކީއްވެކަން ސައީދަށް ބުނެ ނުދެވުނު

20 އޭޕްރީލް 2026 - 10:07
ޑޮލަރުގެ އަގު ދަށަށް ނުދަނީ ކީއްވެކަން ސައީދަށް ބުނެ ނުދެވުނު

ޑޮލަރުގެ އަގު ދަށަށް ނުދަނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ސީދާ ޖަވާބެއް ނުދެވުނެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ސުވާލު ވަޒީރާއި ކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ. މެންބަރުން ވަނީ ސަރުކާރުގެ ވައުދާ އެއްގޮތަށް ޑޮލަރުގެ އަގު ކުޑަނުވެ، ކަޅު ބާޒާރުގައި އަގު އުފުލެމުންދާ ސަބަބާ މެދު ސުވާލު އުފައްދާފަ އެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މި ސަރުކާރުން ގައުމު ބަނގުރޫޓުވިޔަނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ވިޔަފާރިތަކަށް ޑޮލަރު ވިއްކި އަދަދާއި ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވުނު މިންވަރުގެ ތަފްސީލުތައް ހިއްސާކުރެއްވި ނަމަވެސް، ޑޮލަރުގެ އަގު ދަށަށް ދާނެ ސީދާ ތާރީހެއް އަދި ސަބަބެއްވެސް ވިދާޅެއް ނުވެ އެވެ.

ވަޒީރުގެ ޖަވާބާ ގުޅިގެން ކޯފާ އިސްކުރައްވައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވަނީ ކޯފާ އިސްވެ، ސުވާލު ކުރުމުން ދޭންޖެހޭނީ އޭގެ ޖަވާބު ކަމަށާއި މަޖިލީހުގައި ދައްކަންވީ "ލޯބީގެ ވާހަކަ" ނޫން ކަމަށް ބުނެފަ އެވެ. މެންބަރު ވަނީ ވަޒީރު ސީދާ ޖަވާބު ދެއްވުމަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ އަގު ކުޑަކުރުމުގެ ބޮޑު ވައުދަކާއެކުގައެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20 ރުފިޔާއަށްވުރެ މަތީގަ އެވެ. މިއީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0