ޚަބަރު

ހަތަރު މިލިއަން ރުފިޔާ ވަގަށްނެގި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

12 އޭޕްރީލް 2026 - 19:13
ހަތަރު މިލިއަން ރުފިޔާ ވަގަށްނެގި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށްނެގި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ވައްކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވަނީ 2026 މާރިޗު 16 ވަނަ ދުވަހުގެ އިރުއޮއްސި 17:49 އެހައިކަންހާއިރުއެވެ. މި ވައްކަމުގައި ޖުމުލަ 4،000,000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާއިރު، މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ އޭގެ ތެރެއިން 50,000 (ފަންސާސް ހާސް) ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފަސް މީހަކަށް ތުހުމަތު ކުރެވޭއިރު، އޭގެ ތެރެއިން ހަތަރު މީހަކު މިހާރު ތިބީ ފުލުހުންގެ ބަންދުގައެވެ. ހައްޔަރުކޮށްފައިވާ މީހުންނަކީ:

  • މުޙައްމަދު ނޫރު އަޙްމަދު (40އ)، ކަސްތޫރިމާގެ / ޅ.ނައިފަރު
  • މުޙައްމަދު އަފްރާޙް (40އ)، މޫންލައިޓްވިލާ / ސ.މީދޫ
  • އިސްމާޢީލް ޢާޞިފް (36އ)، ދާރުލް އައްވަލް / ރ.މަޑުއްވަރި
  • އަޙްމަދު ފާރިސް (39އ)، މ. އޭސިއާ / މާލެ

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު އެކަކު ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0