ދުނިޔެ , ޚަބަރު

ހޮރުމޫޒް ކަނޑުއޮޅިން ފީއެއް ނަގަން އީރާނުން ތައްޔާރުވަނީ

26 މާރިޗު 2026 - 14:24
ހޮރުމޫޒް ކަނޑުއޮޅިން ފީއެއް ނަގަން އީރާނުން ތައްޔާރުވަނީ

ހޮރުމޫޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ތައްޔާރުވެ، އީރާންގެ ޤާނޫނުހަދާ މަޖިލީހަށް ބިލެއް ހުށަހެޅުމުގެ މަސައްކަތް އެ ގައުމުން ފަށައިފިއެވެ. 

މި ފިޔަވަޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ފެށްޓެވި ހަނގުރާމައިގެ ރައްދެއްގެ ގޮތުން އީރާނުން އަޅަމުންދާ ފިޔަވަޅެކެވެ. މި ވަގުތު ހޮރުމޫޒް ކަނޑުއޮޅި އޮތީ އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް އާގުބޯޓުފަހަރަށް ބަންދު ކޮށްފައެވެ.

ހޮރުމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ބިލެއް ފަރުމާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ހާމަކުރައްވާފައި ވަނީ އީރާންގެ ޤާނޫނުހަދާ މަޖިލީހުގެ މަދަނީ ދާޚިލީ ކަންކަމާ ބެހޭ ކޮމިޓީގެ މުގައްރިރެވެ. އީރާންގެ ފާރިސް އަދި ތަސްނީމް ނޫން އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބިލު ފަރުމާކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ ޤާނޫނީ ޓީމުން ބިލާ ގުޅޭ އެންމެ ފަހުގެ މަރުޙަލާތައް މިހާރު ފުރިހަމަކުރަމުންދާ ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ.

ކޮމިޓީގެ މުގައްރިރު ވިދާޅުވި ގޮތުގައި، ބިލުގެ މައިގަނޑު މަޤުޞަދަކީ ހޮރުމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އީރާނުން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ އަގެއް ނެގުމެވެ. "މިއީ، މި ފަދަ އެހެން ކަނޑުއޮޅިތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލެއް،" ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ ހޮރުމޫޒް ހުރަސްކޮށް އުފުލާ މުދަލުން ޑިޔުޓީއެއް ނެގުމުގެ ފުރިހަމަ ޙައްޤު އީރާނަށް ލިބިގެންވާ ކަމަށެވެ.

ހަނގުރާމަ ހުއްޓައިލުމަށް ޓްރަމްޕް ވަނީ 15 ނުކުތާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް އީރާނަށް ހުށަހަޅާފައެވެ. އީރާނުގެ އޮފިޝަލުން ވަނީ އެ ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، އޭގެ ބަދަލުގައި އީރާނުން އަންނަނީ ފަސް ޝަރުޠެއްގެ މައްޗަށް އެކުލެވޭ އަމިއްލަ ރޭވުމެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި ހޮރުމޫޒްގެ މައްޗަށް އީރާނަށް އޮތް ޙައްޤު ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަތުން ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ދެކޭގޮތުގައި، ފެބުރުވަރީ 28 ގައި އެމެރިކާއިން ހަނގުރާމަ ފެށި ފަހުން އީރާންގެ މަޝްވަރާގެ ބާރު ވަނީ ކުރިއަށްވުރެ ބޮޑަށް ގަދަވެފައެވެ. އީރާނާއެކު "އުންމީދީ" މަޝްވަރާތަކެއް ފަށްޓަވާފައިވާ ކަމުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ވަނީ ރަސްމީ ސިފައެއްގައި އެކަން ދޮގުކޮށްފައެވެ.

އެހެންނަމަވެސް، މިޞްރާއި ޕާކިސްތާނުން މެދުވެރިވެގެން ދެ ޤައުމުގެ ދެމެދުގައި ނުރަސްމީ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މަޝްވަރާތަކުގެ ނަތީޖާއަށް ބަލައި، ހޮރުމޫޒް ކަނޑުއޮޅީގެ މުސްތަޤުބަލާއި އެ ސަރަޙައްދުގެ ވިޔަފާރި ދަތުރުފަތުރުތަކަށް އަންނާނެ ބަދަލުތައް އެނގިގެންދާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0