ދުނިޔެ , ޚަބަރު

ނަތަންޔާހޫގެ ތަރުޖަމާނު އޭނާއަށް މަލާމާތްކޮށް ފާޑުކިޔާ އޯޑިއޯތަކެއް ލީކުވެއްޖެ

26 މާރިޗު 2026 - 10:41
ނަތަންޔާހޫގެ ތަރުޖަމާނު އޭނާއަށް މަލާމާތްކޮށް ފާޑުކިޔާ އޯޑިއޯތަކެއް ލީކުވެއްޖެ
ނަތަންޔާހޫ އާއި އޭނާގެ ތަރުޖަމާނު

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔައި، އޭނާއަށް މަލާމާތްކޮށް ވާހަކަދައްކާފައިވާ އޯޑިއޯތަކެއް ލީކުވެއްޖެއެވެ.

މިކަމާގުޅިގެން، ނަތަންޔާހޫގެ އޮފީހުގެ ތަރުޖަމާނު ޒިވް އަގްމޮން ވަނީ މަޤާމުން އިސްތިއުފާދީފިއެވެ. އިބްރާނީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަގްމޮން އިސްތިއުފާދިނީ ނަތަންޔާހޫ އާއި އޭނާގެ އާއިލާއަށާއި، އަދި އިސްރާއީލުގެ ކަނާތުފިޔައިގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އޯޑިއޯ ރެކޯޑިންގތަކެއް ބުރާސްފަތި ދުވަހު އާންމުވުމާ ގުޅިގެންނެވެ.

ލީކުވެފައިވާ ރެކޯޑިންގތަކުގައި އަގްމޮން ބުނެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ޙަމާސްއިން ދިން ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލު ފެއިލްވި ފެއިލްވުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ނަތަންޔާހޫ ކަމަށެވެ. އަދި އެ ތާރީޚީ ހާދިސާއަށްފަހު ނަތަންޔާހޫ ސިޔާސީ މައިދާނާ ދުރަށްދާންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ. ޗެނަލް 12 އިން ހާމަކުރި ގޮތުގައި، އަގްމޮން ވަނީ ނަތަންޔާހޫއަކީ "މުސްކުޅިއެއް" ކަމަށާއި، އޮކްޓޯބަރު 7 ގެ ހާދިސާއަށްފަހު ނަތަންޔާހޫގެ ސިޔާސީ ދުވަސްތައް މިހާރު ބާޠިލްވެފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، އިސްރާއީލުގެ ސަރުކާރުގެ މުސްތަޤުބަލް ނަތަންޔާހޫގެ އަމިއްލަ ސިޔާސީ މަސްލަހަތާ ގުޅުވައިގެން އުޅޭތީ އަގްމޮން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނި ގޮތުގައި ނަތަންޔާހޫގެ ސިޔާސީ ޙަޔާތް މިހާރު ވަނީ އެއްކޮށް ނިމުމަކަށް އައިސްފައެވެ. މި އޯޑިއޯތައް ލީކުވުމާ ގުޅިގެން ނަތަންޔާހޫއަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާއިރު، ބޮޑުވަޒީރުގެ އޮފީހުން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އީރާނާއެކު ހިނގަމުންދާ ހަނގުރާމައާއި، އެހެނިހެން މައިދާންތަކުގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަތަކާ ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވެ، ސަރުކާރަށް އެތެރޭގެ ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ވަކިން ޚާއްޞަކޮށް، އީރާނުން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޔަހޫދީ ވަޒަންވެރިންނަށް ބިމުއަޑީގެ ބިންގަރާސްތަކުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ވަގުތެއްގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އަގްމޮން އިސްތިއުފާދީފައިމިވަނީ ނަތަންޔާހޫގެ އަނބިމީހާ ސާރާ ނަތަންޔާހޫއާ އުފެދުނު މައްސަލަތަކަކާ ގުޅިގެން އެހެން ތަރުޖަމާނެއް ކަމަށްވާ އޮމަރ ދޮސްތްރީ އިސްތިއުފާދިންތާ އަހަރެއްވެސް ނުވަނީހެވެ. މިއީ ނަތަންޔާހޫގެ އަރިސް ބޭފުޅުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހާމަވެގެންދިޔަ އިތުރު ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0