މުސްލިމް ގައުމުތަކާ ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއީ އަޙުން: އިރާނުގެ ރައީސް
އީރާނުން މުސްލިމް ގައުމުތަކާއެކު ކުރިމަތިލުމަކަށް ދާން ބޭނުންނުވާ ކަމަށާއި، ސަރަހައްދީ އެއްބައިވަންތަކަމާއި އެއްބާރުލުމަށް އިސްކަންދޭ ކަމަށް އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޕެޒެޝްކިއާން ދާދިފަހުން ދެއްކެވި ވާހަކަފުޅުގައި ބާރުއެޅުއްވީ އީރާނުން އަވަށްޓެރި މުސްލިމް ގައުމުތަކާ މެދު ދެކެނީ "އަޚުން"ގެ ގޮތުގައި ކަމަށެވެ. އަދި އިރާނުން އިސްކަންދެނީ ކުރިމަތިލުންތަކުގެ ބަދަލުގައި ސުލްހައާއި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. މި މޭރުމުން އޭނާ ވާހަކަފުޅު ދައްކަވާފައި މިވަނީ އީރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް އިތުރުވެ، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.
މި ބަޔާނުގެ މަގްސަދަކީ އަވަށްޓެރި ގައުމުތަކަށް ޔަގީންކަން ދިނުމާއި، މި ހަމަނުޖެހުން ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވިޔަނުދީ ހުއްޓުވުމެވެ. އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އީރާނަށް އޮތްކަމަށް ވިދާޅުވަމުންވެސް، ޕެޒެޝްކިއާންގެ ވާހަކަފުޅުން ފާހަގަވެގެންދިޔައީ މުސްލިމް ގައުމުތަކާއެކު ޚާރިޖީ ގުޅުން ބަދަހިކުރުމަށް އިސްކަންދޭ މިންވަރެވެ.
މިއީ ސަރަހައްދީ ބައިވެރިންނާއެކު ސީދާ ކުރިމަތިލުމަކަށް ދާން އިރާނުން ބޭނުންނުވާކަމުގެ އިޝާރާތެކެވެ.






ރިއެކްޓް