ޚަބަރު

ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި ރޯވެ އަނދަނީ

18 މާރިޗު 2026 - 11:25
ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި ރޯވެ އަނދަނީ
ފޮޓޯ: އެމްއެންޑީއެފް

މާލޭގެ ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ސިފައިންގެ އިތުރުން ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަލިފާން ރޯވި ސަރަހައްދު ބަންދުކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވި ގޭގެ ގްރައުންޑް ފްލޯގައި ހިންގަނީ ޓޭކްއަވޭ ކޮފީ ބޯ ތަނެކެވެ. އަދި އެ ގޭގެ މަތީ ބުރިތަކަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިފައިން މިހާރުވެސް ދަނީ ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0